ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 00:26
ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 1-0 ން
ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 1-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދަގަނޑޭގެ ލަނޑުން ވެލެންސިއާއަށް މޮޅެއް
ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
ވެލެންސިއާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ ދަގަނޑޭ

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ ކުލަބު ގްރީން ސްޓްރީޓްސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވެލެންސިއާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ހުސެއިން ފައިސަލް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، އަލީ ފާސިރު (ސެންޓޭ) ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ވެލެންސިއާއިން ލީޑު ނެގީ 26 ވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. މިއީ 15 އަހަރަށްފަހު ވެލެންސިއާގެ ޖާޒީގައި ދަގަނޑޭ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ވެލެންސިއާއިން މެޗުގައި ލީޑު ނެގުމާއެކު ގްރީން ސްޓްރީޓްސްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުގެ އަބްދުﷲ ޔާމީން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މެޗުގެ ދެވަނަ ހާފުގައިވެސް ގްރީން ސްޓްރީޓްސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ މުސްލިހު މުޙައްމަދާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ރެފުރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިފައި ހުރި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މި ފެންވަރުގެ މެޗެއްގައި ރެފުރީއެއްގެ ފަރާތުން ނުފެންނާނެ ވަރުގެ ގޯސްތައް ރެފުރީ ހަދާފައިވާ ކަމަށެވެ. އަދި މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އެކަމަކު ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށްވެސް ނިސްތާރު ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗުގެ ފުރަތަމަ ހާފު ވެލެންސިއާއިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ފަހު ހާފުގައި ޓީމުގެ ކުޅުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުން މޮޅެއް ލިބުމުން އެކަމާ ހިތްހަމަޖެހޭ ކަމަށާއި، ކުރިއަށް އޮތް މެޗުގައި މިއަށްވުރެ ރަނގަޅު ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދާނެ ކަމަށްވެސް އާތީ ބުންޏެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ވެލެންސިއާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެރޭ ގްރީން ސްޓްރީޓްސް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް