ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 18:34
ޓީސީ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ދަ ގްރާންޑޭ މޮޅުވީ 3-0 ން
ޓީސީ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ދަ ގްރާންޑޭ މޮޅުވީ 3-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ އަތުން ދަ ގްރާންޑޭއަށް ފަސޭހަ މޮޅެއް
ޓީސީ އަތުން ދަ ގްރާންޑޭ މޮޅުވީ 3-0 ގެ ނަތީޖާއަކުން
މި މެޗުގައި މޮޅު ކުޅުމެއް ދެއްކީ ދަ ގްރާންޑޭގެ ބިދޭސީ ފޯވާޑް ޚައިދަރޯވް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ދަ ގްރާންޑޭ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ފޯވާޑް ޚައިދަރޯވް އޮޓަބެކަށް ޓީސީގެ ޑިފެންޑަރު ޔޮގެންދްރަން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ދަ ގްރާންޑޭގެ ގާސިމް ސައްމާމް ފޮނުވާލި ޕެނަލްޓީ ޓީސީގެ ބިދޭސީ ގޯލްކީޕަރު މަމަދޯވް ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު އޭގެ ހަ މިނެޓު ފަހުން ދަ ގްރާންޑޭއިން ވަނީ މެޗުގައި ލީޑު ނަގައިދީފައެވެ. ޚައިދަރޯވް ދިން ޕާހަކުން މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުމަރުޔޯނޯފް އަކްރޯފް ދިން ޕާހަކުން މިޑްފީލްޑަރު އިބްރާހީމް ނޫރައްދީން ވަނީ ދަ ގްރާންޑޭއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޓީސީން ކުޅުން ރަނގަޅުކުރި ނަމަވެސް، އެ ޓީމަށް މި ހާފުގައިވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މި މެޗުގައި ދަ ގްރާންޑޭއިން ޖެހި ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ދަ ގްރާންޑޭއަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޚައިދަރޯވްއެވެ. މިއީ އޭރިއާ ތެރެއިން ޚައިދަރޯވްއަށް ޓީސީގެ ގޯލްކީޕަރު މަމަދޯވް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މެޗުގައި ފެނިގެންދިޔަ ކުޅުމާއި މެޗުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު އަދިވެސް ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ބިދޭސީ ދެ ކުޅުންތެރިން ޓީމާ ގުޅުނީ ފަހުން ކަމަށްވާތީ، ދެ ކުޅުންތެރިންނާއެކު ޓީމާ އެކުލަވާލެވުމުން މިއަށް ވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗުގައި ތަފާތަކަށް ފެނިގެން ދިޔައީ ދަ ގްރާންޑޭގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންގެ ކުޅުން ޓީމެއްގެ ގޮތުގައި ކުރިން ފެނިފައި ނެތުމުން ހުއްޓުވަން އުނދަގޫވި ކަމަށެވެ.

މި މެޗުން ދަ ގްރާންޑޭ މޮޅުވިއިރު، ލީގުގައި ދެން ދަ ގްރާންޑޭއިން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ހަވީރު ދަ ގްރާންޑޭ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އަދި އާދީއްތަ ދުވަހުގެރޭ ޓީސީ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް