ކުލަބު އީގަލްސް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ސަސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އަނިޔާގެ ސަބަބުން އީގަލްސްގެ އިތުބާރު ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ) މި މެޗުގައި ކުޅެފައިނުވާއިރު، އޭނާގެ ބަދަލުުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ރިހާމް އަބްދުލް ޣަނީ (ބޮބީ) ވަނީ ކުޅެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަސްއިން ކާމިޔާބުކުރީ މެޗު ފަށައިގެން 11 ވަނަ މިނެޓުގައެވެ. އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ސިނާހަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ވިކްޓަ ރޮޑްރިގޭޒެވެ.
މި މެޗުގެ ދެވަނަ ހާފުގައި އީގަލްސްއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ މުޙައްމަދު ނާއިމް ވަނީ ސަސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން އީގަލްސްގެ ހައިޝަމް ހަސަނަށް ވަނީ ލަނޑު ޖަހަން ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗަށްފަހު ވާހަކަދައްކަމުން ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގު ކަމަށާއި، މިއީ ސަސްއަށް އަދި އޭނާއަށްވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އީގަލްސް ކަހަލަ ވަރުގަދަ ޓީމެއް އަތުން މޮޅެއް ލިބުމުން އެކަމާ ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ.
އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަަނުޖެހޭ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި އިތުބާރު ފޯވާޑް ރިޒޭ ނެތުމުން އެތަން ފޫބައްދަން އުނދަގޫވި ކަމަށާއި، ތަޖުރިބާކާރު ކުޅުންތެރިން ނެތްތަން މެޗުގައި ވަރަށް ބޮޑަށް ފެނުނު ކަމަށްވެސް މޯހަން ބުންޏެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސަސް މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ސަސް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ލީގުގައި އީގަލްސްއިން ކުޅޭ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.