ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 18:30
މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 4-0 ން
މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 4-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޔޫވީ ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅުކޮށްފި
ޔޫވީ އަތުން މާޒިޔާ މޮޅުވީ 4-0 ގެ ނަތީޖާއަކުން
މާޒިޔާގެ ކެޕްޓަން އަސަދުﷲ ވަނީ ދެ ލަނޑު ޖަހާފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗް ކުޅެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި މެޗުގައި މާޒިޔާގެ ފަހަތް ބެލެހެއްޓީ އަމްދާން އަލީ (އެންޑީ) އެވެ. އަދި މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މުޙައްމަދު އުމެއިރު ވަނީ ކުޅެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހުރަސްކޮށްދިން ބޯޅައަކުން މާޒިޔާއަށް ލީޑު ނަގައިދިނީ އުމެއިރެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ކޯނަރަކުން އެންޑީ ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވަނީ އިތުރު ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ގޯލު ކުރިމަތީގައި ހުރެ އަސަދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަސަދުﷲ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ އުމެއިރަށް ޔޫވީގެ ކެޕްޓަން މުޙައްމަދު އާރިފް (ބަކާ) ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ފަހުން 71 ވަނަ މިނެޓުގައި ޔޫވީގެ ގޯލްކީޕަރު ރުސްލާން އާމިރޯފް ހެދި ގޯހެއްގެ ފައިދާ ނަގައި އަސަދުﷲ ވަނީ މާޒިޔާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުތްއިރު ހުރިހާ ފޯކަސްއެއް ފެށުން ރަނގަޅު ކުރުމަށް ކަމަށާއި، އެކަން ހާސިލްވީ ބޭނުންވި ގޮތަށް ކަމަށެވެ. އަދި މި މެޗުގައި ފުރުސަތު ދިން ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ކާމިޔާބީގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޔޫވީގެ ކޯޗު މުޙައްމަދު އާދަމް ބުނީ ވަރަށް ރަނގަޅަށް މެޗު ފަށައިގެން ކުޅުމަށް ފަހު މާޒިޔާއިން ލަނޑެއް ޖެހި ހިސާބުން ޔޫވީގެ ފަހަތުން ގޯސްތަކެއް ހެދިގެން ދިޔަ ކަމަށެވެ. އަދި ލީގުގެ ފުރަތަމަ މެޗާ ބަލާއިރު ކުޅުން ގޯސް ނޫން ކަމަށާއި، މާޒިޔާ އަކީ ރާއްޖޭގެ އެންމެ މޮޅު ޓީމު ކަމަށްވުމުން އެ ޓީމާ ދެކޮޅަށް ހެދޭ ކޮންމެ ގޯހެއްގެ ގެއްލުންވެސް ދައްކާނެ ކަމަށްވެސް ބުންޏެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ މޮޅުވިއިރު، ލީގުގައި ދެން މާޒިޔާއިން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ މާޒިޔާ ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ޔޫވީ ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް