ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 11:06
ބަޔާނާއި ބާލިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ބަޔާނާއި ބާލިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ބަޔާނާއި ޔޫނިއަން ބާލިން އެއްވަރު، ޑޯޓްމުންޑް ލަދުވެތިގޮތަކަށް ބަލިވެއްޖެ
ބަޔާނާއި ބާލިން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ޑޯޓްމުންޑް އަތުން ސްޓުޓްގާޓް މޮޅުވީ 5-1 ގެ ނަތީޖާއަކުން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ސްޓުޓްގާޓް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާނާއި ބާލިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ބާލިންގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބާލިންއަށް ލީޑު ނަގައިދިނީ ގްރިޝާ ޕްރޮމެލްއެވެ. މި މެޗުގައި ބަޔާނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އެ ޓީމުން ނަތީޖާ އެއްވަރުކުރީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މި މެޗު އެއްވަރުވި ނަމަވެސް، ބަޔާން އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެގޮތުން އެއްވަނައިގައި އޮތް ބަޔާނާއި ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް ކުޅުނު 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ބަޔާނާ އެއްވަރުކުރި ބާލިން އޮތީ ތާވަލުގެ ހަވަނައިގައި 11 މެޗުން 17 ޕޮއިންޓާއެކުއެވެ.

ޑޯޓްމުންޑާއި ސްޓުޓްގާޓް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޓުޓްގާޓް މޮޅުވީ 5-1 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޓުޓްގާޓް އަތުން ޑޯޓްމުންޑް ބަލިވީ އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ޑޯޓްމުންޑުގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ކުޅެފައި ނުވާއިރު، އެ ޓީމުގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މެޗުގައި ސްޓުޓްގާޓުން ލީޑު ނަގާފައިވަނީ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިލަސް ވަމަންގިޓޫކާއެވެ. އެކަމަކު މެޗުގެ 39 ވަނަ މިނެޓުގައި ޖިއޮވާނީ ރޭނާ ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި ސްޓުޓްގާޓުން ދެވަނަ ފަހަރަށް ލީޑު ނެގީ 53 ވަނަ މިނެޓުގައި ވަމަންގިޓޫކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ފިލިޕް ފޯސްޓާ ސްޓުޓްގާޓަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ޓަންގުއީ ކުލިބާލީ ވަނީ ސްޓުޓްގާޓުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ސްޓުޓްގާޓުން ޖެހި ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭޒްއެވެ.

މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ފަސްވަނައިގައި 11 މެޗުން 19 ޕޮއިންޓާއެކުއެވެ. ޑޯޓްމުންޑް ބަލިކުރި ސްޓުޓްގާޓް އޮތީ ތާވަލުގެ ހަތްވަނައިގައި 11 މެޗުން 17 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް