ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 10:33
ރެއާލާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ރެއާލާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ލީގުގައި އެތުލެޓިކޯ ބަލިކުރި ފުރަތަމަ ޓީމަކަށް ރެއާލް
އެތުލެޓިކޯ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
މިއީ މި އަހަރުގެ ފެބްރުއަރީ މަހަށްފަހު ލީގު މެޗަކުން އެތުލެޓިކޯ ބަލިވި ފުރަތަމަ ފަހަރު

މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރި ފުރަތަމަ ޓީމަކަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވެއްޖެއެވެ.

ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ އަތުން ރެއާލް މޮޅުވީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުންނެވެ.

މެޑްރިޑް ޑާބީ މެޗުން ރެއާލް މޮޅުވިއިރު، އެތުލެޓިކޯ އަތުން އެންމެ ފަހުން ރެއާލް ބަލިވީ 2016 ވަނަ އަހަރުއެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ ބަލިވިއިރު، އެ ޓީމު އެންމެ ފަހުން ލީގު މެޗަކުން ބަލިވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން ލީގުގައި ކުޅުނު 26 މެޗުންވެސް އެތުލެޓިކޯ ބަލިވެފައެއް ނުވެއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިޑްފީލްޑަރު ކަސެމީރޯއެވެ. މި މެޗުގައި އެތުލެޓިކޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް، އެއް މެޗު މަދުން ކުޅެ އެ ޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެގޮތުން އެތުލެޓިކޯއަށް ވަނީ ކުޅުނު 11 މެޗުން 26 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ ބަލިކުރި ރެއާލް އޮތީ ތިންވަނައިގައި 12 މެޗުން 23 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް