ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 10:14
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑާއި ސިޓީ އެއްވަރު، ޗެލްސީ ބަލިވެއްޖެ
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި
ޗެލްސީ އަތުން އެވަޓަން މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މެޗުގައި ދެ ޓީމަށްވެސް ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ ރިޔާދު މާރޭޒާއި ކެވިން ޑި ބްރޭނާ އަށެވެ. އެގޮތުން މާރޭޒް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ޑި ބްރޭނާ އެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑި މަތިންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް ސިޓީގެ ކައިލް ވޯކާ ފައުލްކުރި ކަމަށް ނިންމާ ޔުނައިޓެޑަށް ޕެނަލްޓީއެއް ދިން ނަމަވެސް، އޭގެ ކުރިން ރަޝްފޯޑް އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ އަށްވަނައިގައި ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކުއެވެ. އަދި 11 މެޗުން ލިބުނު 19 ޕޮއިންޓާއެކު ސިޓީ އޮތީ ޔުނައިޓެޑުގެ ފުލުން ތާވަލުގެ ނުވަވަނައިގައެވެ.

އެވަޓަނާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 1-0 ން

މީގެ އިތުރުން ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެވަޓަން އަތުން ބަލިވެ، 17 މެޗަށްފަހު ފުރަތަމަ ފަހަރަށް ޗެލްސީ ވަނީ މެޗަކުން ބަލިވެފައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީ ބަލިވި ދެވަނަ މެޗެވެ.

މި މެޗުގައި އެވަޓަނުން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ގިލްފީ ސިގަޑްސަންއެވެ. މިއީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އޭރިއާ ތެރެއިން އެވަޓަނުގެ ޑޮމިނިކް ކަލްވެޓް-ލެވިންއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން މޮޅުވެގެން ޗެލްސީއަށް ޕްރިމިއާ ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް، މެޗުން ބަލިވުމުން އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި 12 މެޗުން 22 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ދެވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް