ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 19:30
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
ރާއްޖެ އެމްވީ
އީގަލްސް-ސަސް މެޗު
ރިޒޭ އާއި ހަންނަ އަނިޔާގައި، މޯހަންއަށް އިތުރު ޗެލެންޖެއް
ޗެރިޓީ ޝީލްޑް މެޗުގައި ރިޒޭ އާއި ހަންނަ ވަނީ މޮޅު ކުޅުމެއް ދައްކާފައި
ސަސްއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިންގެ އިތުރަށް ތަޖުރިބާކާރު ބައެއް ކުޅުންތެރިން ގެނެސްފައި
އީގަލްސް އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗަށްފަހު އަޙްމަދު ރިޒުވާން (ރިޒޭ) އާއި ހަސަން ރާއިފް އަޙްމަދު (ހަންނަ) ތިބީ އަނިޔާގައި ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޗެރިޓީ ޝީލްޑް މެޗު ކުލަބު އީގަލްސްއިން ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ ފަހަތުން އަރައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3-2 ން ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ރިޒޭ އާއި ހަންނަ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި ސީޒަނުގައި އީގަލްސްއިން އަދި މިހާތަނަށް ބިދޭސީ ކުޅުންތެރިއަކު ގެނެސްފައި ނުވާއިރު، އެ ޓީމުގައި އޮތީ ޒުވާން ސްކޮޑެކެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ޗެރިޓީ ޝީލްޑް މެޗަށްފަހު ރިޒޭ އާއި ހަންނަ ތިބީ އަނިޔާގައި ކަމަށާއި، އެކަމަކު ޓީމުގެ އެހެން ކުޅުންތެރިން އެއްކޮށް ފިޓް ކަމަށެވެ. އަދި ރިޒޭ އާއި ހަންނަ ނެތްތަން ފޫބައްދަން އީގަލްސްއަށް ފަސޭހަ ނުވާނެ ކަމަށާއި، އެކަމަކު ޓީމެއްގެ ގޮތުގައި އެކަން ފޫބެއްދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.

މޯހަން އިތުރަށް ބުނީ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ބަލިކުރެވުނު ނަމަވެސް، ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށާއި، އީގަލްސްގެ ފެންވަރާއި ހާލަތު ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންކަމުން ލީގުގައި އިދިކޮޅަށް ނުކުންނަ ޓީމަކީ ފެންވަރެއް ނެތް އާދައިގެ ޓީމެއް ކަމުގައި ބަލައިގެން އެއްވެސް މެޗަކަށް ތައްޔާރުނުވާނެ ކަމަށްވެސް މޯހަން ބުންޏެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ސަސްއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުން ވަނީ މި ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންގެ އިތުރަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ކުޅުންތެރިން ގެނެސްފައެވެ.

އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ސަސް އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އެ ގޮތުން ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، ބިދޭސީ ކުޅުންތެރިންވެސް މެޗަށް އެއްކޮށް ފިޓް ކަމަށް ނާދު ބުންޏެވެ. ނާދު އިތުރަށް ބުނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ، މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް