ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 19:23
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
ރާއްޖެ އެމްވީ
މާޒިޔާ-ޔޫވީ މެޗު
އެންމެ މުހިންމު ކަމަކީ ލީގުގެ ފެށުން ރަނގަޅުކުރުން: ނިޒާމްބެ
ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ އީގަލްސް އަތުން 3-2 ން ބަލިވެފައި
ޔޫވީން މި ސީޒަނަށް ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައި
މާޒިޔާ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައި

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެންމެ މުހިންމު ކަމަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފެށުން ރަނގަޅުކުރުން ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އާދީއްތަ ދުވަހު ލީގުގެ ކުޅުން ފަށާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ ކުލަބު އީގަލްސް އަތުން 3-2 ން ބަލިވެފައެވެ. އެ މެޗަށްފަހު ނިޒާމްބެ ވަނީ މިއީ ކުޅުންތެރިންނަށް ލިބުނު ރަނގަޅު މެސެޖެއް ކަމަށް ބުނެފައެވެ.

ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ޗެރިޓީ ޝީލްޑް މެޗުގެ ބަލިން އަރައިގަތުމުގެ ބަދަލުގައި މާޒިޔާއަށް އެންމެ މުހިންމު ކަމަކީ ލީގުގެ ފެށުން ރަނގަޅުކުރުން ކަމަށެވެ. އެހެންކަމުން ވެދިޔަތަން ދޫކޮށްލުމަށްފަހު މާޒިޔާއިން ނުކުންނާނީ ލީގުގެ ފުރަތަމަ މެޗުން މޮޅުވުމަށް ކަމަށްވެސް ބުންޏެވެ.

ނިޒާމްބެ ބުނީ މި ސީޒަނުގައި ކޮންމެ ޓީމަކާވެސް މާޒިޔާ ކުރިމަތިލާން ޖެހޭނީ ވަރުގަދަ ޓީމުތަކެއް ކަމަށް ދެކިގެން ކަމަށާއި، އެހާ ސީރިއަސްކަން ގެންނަން ޖެހޭ ސަބަބަކީ މި މެޗުތަކުން މޮޅުވުން ނޫން ގޮތެއް މާޒިޔާއަށް ނެތުމުން ކަމަށެވެ. އެހެންކަމުން އެ ވިސްނުމުގައި ނުކުންނައިރު، މި ސީޒަނުގައި މާޒިޔާއަށް އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް

ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ޔޫވީން މި ސީޒަނަށް ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ޔޫވީން ބިދޭސީ ހަތަރު ކުޅުންތެރިއަކު ގެނައިރު، އެ ޓީމުން ވަނީ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ އިތުރުން، ކުލަބު އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ވެސް އެ ޓީމަށް ގެނެސްފައެވެ.

މާޒިޔާ މެޗުގެ ކުރިން ޔޫވީގެ ކޯޗު މުޙައްމަދު އާދަމް ބުނީ ނޮވެމްބަރު އެއްވަނަ ދުވަހު ފަރިތަކުރުންތައް ފެށުނީއްސުރެއް އެ ޓީމުން ތައްޔާރުވަމުން އައީ މާޒިޔާ މެޗަށް ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ ކަމަށާއި، އެހެންކަމުން އެ ޓީމާ ދެކޮޅަށް ނުކުންނައިރު އުނދަގޫ ކަންތައްތަކެއް ހުންނާނެ ކަމަށްވެސް ބުންޏެވެ. އެކަމަކު މިދޔަ ހަފުތާގައި ސީދާ މާޒިޔާ މެޗަށް ފޯކަސް ކޮށްގެން ތައްޔާރުވަމުން އައި ކަމަށާއި، މާޒިޔާ މެޗުން މޮޅެއް ހޯދުމުގެ އުންމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

މި ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރާއިރު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް