ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 19:08
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްކަމަށް އިންތިޚާބުވި އަޙްމަދު އާދަމް
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްކަމަށް އިންތިޚާބުވި އަޙްމަދު އާދަމް
ރާއްޖެ އެމްވީ
އެމްބީއޭގެ އިންތިޚާބު
އެމްބީއޭގެ ރައީސަކަށް އަޙްމަދު އާދަމް އިންތިޚާބުކޮށްފި
އިންތިޚާބުގައި 21 ކުލަބަކުން ވަނީ ވޯޓުލާފައި
އަޙްމަދު އާދަމާއި ހިންގާ ކޮމިޓީ އިންތިޙާބުވެފައިވަނީ ފުރިހަމަ ތާއީދާއެކު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްކަމަށް އަޙްމަދު އާދަމް އިންތިޚާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި އެމްބީއޭގެ އިންތިޙާބުގައި ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް އެއް ބޭފުޅަކު ކުރިމަތިލައިފައިވާތީ އިންތިޙާބުގައި ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެގޮތުން ރައީސްގެ ކުރިމަތިލެއްވި އަޙްމަދު އާދަމާއި ހިންގާ ކޮމިޓީގެ އެހެން ހުރިހާ މެންބަރުން އިންތިޙާބުވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ ކުލަބުތަކެއްގެ ފުރިހަމަ ތާއީދާއެކުގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 23 ކުލަބަކަށް ލިބުނުއިރު، 21 ކުލަބަކުން ވަނީ ވޯޓުލާފައެވެ.

އެމްބީއޭގެ އައު ހިންގާ ކޮމިޓީ:

  • ރައީސް: އަޙްމަދު އާދަމް
  • ނައިބު ރައީސް: ހުސެއިން ޝުހެއިލް
  • ހަޒާންދާރު: އިސްމާޢީލް ނުޖެއިމީ އިބްރާހީމް
  • އަމިއްލަ މެންބަރު: އަޙްމަދު ރާސިމް
  • ފުރިހަމަ މެންބަރު: އަޙްމަދު ނަސީރު އިބްރާހީމް
  • ފުރިހަމަ މެންބަރު: ހުސެއިން ފަޒީލް
  • ފުރިހަމަ މެންބަރު: ހުސެއިން އަމީން
  • ފުރިހަމަ މެންބަރު: އަޙްމަދު ޝާހިލް
  • ފުރިހަމަ މެންބަރު: ދިޔާނާ އަފީފް

އެމްބީއޭގެ ރައީސް ކަމަށް އިންތިޙާބުވެވަޑިއިގަތުމަށްފަހު އަޙްމަދު އާދަމް ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގައި އަލަށް އިންތިޚާބުވި ހިންގާ ކޮމިޓީން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މި އަހަރު ދިމާވި ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަން އަލަށް ހަވާލުވި ހިންގާ ކޮމިޓީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ރަށްރަށުގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް އިތުރު މަސައްކަތް ކުރަން ނިންމާފައިވާނެ ކަމަށާއި، އަދި ބާސްކެޓްބޯޅަ އެރީނާގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބީއޭގެ ކުރީގެ ރައީސް އަޙްމަދު މަމްދޫހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެމްބީއޭއިން ބޭނުންވި ކޮންމެ ވަގުތަކުގައިވެސް އޭނާގެ އެހީ އެމްބީއޭއަށް ލިބި ލައްވާނެ ކަމަށާއި، ރައީސްކަމުގައި ހުންނެވިއިރު ބާސްކެޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދެވުނު ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްބީއޭގެ އިންތިޙާބުގެ އިތުރުން އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާވެސް ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. އަހަރީ އާންމު ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓް ވަނީ ކުލަބުތަކުގެ ފުރިހަމަ ތާއީދާއެކު ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް