ބެޑްމިންޓަން ކުރިއެރުވުމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ޕޮލިސް ކުލަބާއި ރިވައިވަލް ސްޕޯޓްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކުލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި ރިވައިވަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް ޙުސައިން ޒަޔާން ޝަހީދު ޒަކީއެވެ.
ތިން އަހަރުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ބެޓްމިންޓަން ކުރިއެރުވުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ޕޮލިސް ކުލަބުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިންނާއި، ކޯޗުން އިތުރަށް ތަމްރީނުކުރުމުގައި ރިވައިވަލްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެޑްމިންޓަން ކުރިއަރުވައި، އިޖުތިމާއީ އެކި ހަރަކާތްތައް ދެ ކުލަބު ގުޅިގެން ހިންގުމުގެ އިތުރުން، ރާއްޖެ އާއި ބައިނަލްއަގުވާމީ އެކި މުބާރާތްތަކަށް ފަރިތަކޮށް، ކުޅުންތެރިން ތައްޔާރުކުރުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދާއި، ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަލީ އިބްރާހީމާއި، ރިވައިވަލް ސްޕޯޓްސްގެ އިސް ބައެއް މެންބަރުންނާއި ޕޮލިސް ކުލަބުގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަގުސަދުގައި ރިވައިވަލް ސްޕޯޓްސް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިހާތަނަށް އެ ކުލަބުން ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު، އެ ކުލަބްގެ ބައެއް ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުވެސް ކޮށްފައެވެ.
އެގޮތުން ރިވައިވަލްގެ ކާމިޔާބީތަކަށް ބަލާއިރު އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި އެ ކުލަބުން ހޯދިއިރު، މިދިޔަ އަހަރުގެ ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ފިރިހެން ޑަބަލްސް ބައިން ރިވައިވަލް ވަނީ ލޯ މެޑަލް ހޯދާފައެވެ.