ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 16:42
ސްޕޯޓްސް ކޯޕަރޭޝަނާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސްޕޯޓްސް ކޯޕަރޭޝަނާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
ކުޅިވަރު ތަރައްގީކުރުމަށް އެއްބަސްވުން
ސްޕޯޓްސް ކޯޕަރޭޝަނުން އެޗްޑީސީ އާއެކު ތާރީޚީ އެއްބަސްވުމެއް
މިއީ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދުވި ފަހުން ވެވުނު އެންމެ ބޮޑު އެއްބަސްވުން
ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ

ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ގުޅޭ މުހިންމު އެއްބަސްވެއްގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދުވި ފަހުން ވެވުނު އެންމެ ބޮޑު އެއްބަސްވުމާއެކު އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ތަރައްގީ ކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި އަދި އެޗްޑީސީން ތަރައްގީކުރާ ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނާއި އެޗްޑީސީ ގުޅިގެން އެކިއެކި ބިންތަކުގައި ކުޅިވަރު ކުޅޭނެ ތަންތަން ގާއިމުކުރެވިގެންދާނެއެވެ. މީގެ އިތުރުން އެޗްޑީސީ އާއި ސްޕޯޓްސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ކުޅިވަރާ ގުޅުންހުރި އެކިއެކި ދިރާސާތަކާއި ޑޭޓާތައް ދެ ފަރާތުން ހިއްސާކުރުމާއި، ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕްރޮގްރާމުތައް ހިންގުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަޙްމަދެވެ.

އެއްބަސްވުމާ ބެހޭ ގޮތުން މާއްޓޭ ވިދާޅުވީ ކުޅިވަރުގެ ވަސީލަތް ގާއިމުކުރުމަށް އެ ކުންފުނިން އަބަދުވެސް ބޭނުންވާ ކަމަށާއި، މި އެއްބަސްވުމާއެކު ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް އައު މަރުހަލާއެއް ފެށިގެންދާނެ ކަމަށެވެ. ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ތަފާތު ހިސާބުތަކުގެ އަލީގައި މި ސަރަހައްދަށް މިހާރަށްވުރެން ތަނަވަސް ގޮތެއްގައި ކުޅިވަރުކުޅުމުގެ ފުރުސަތު ހުޅުވި، އެކަށީގެންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅޭ ތަންތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދި، ޒަމާނީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދިރާސާތައް ކޮށް، ޑޭޓާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ޓެކްނިކަލް ޕްރޮގްރާމުތައް އިންތިޒާމުކޮށް، އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށްވެސް މަގު ހުޅިވިގެންދާނެ ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ސުހައިލް ވިދާޅުވީ ހުޅުމާލެ އަކީ ކުޅިވަރުގެ އެންމެ ޒަމާނީ ވަސީލަތްތައް ހުރި ތަނަކަށް ހެދުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމާއެކު އެކަން ފުރިހަމަ ވެގެންދާނެ ކަމަށެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ، އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޤާނޫނޫގައި އެ ކުންފުންޏަށް އެއް އަހަރު ދުވަހުގެ ތެރޭގައި ބިން ދޭން ޖެހޭއިރު، ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހެއެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އުފެއްދި ކުންފުންޏަށް އަދި މިހާތަނަށް އެއްވެސް ބިމެއް ދީފައިނުވާއިރު، މިހާތަނަށް އެ ކުންފުންޏައް ހަވާލުކުރެވިފައި ވަނީވެސް މަދު މަސައްކަތްތަކެކެވެ. މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 61 ރަށުގެ އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ގެނައުމަށް އެ ކުންފުންޏާ ހަވާލުކޮށްގެން އެކަންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް