ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޑަންޑޯކް ބަލިކޮށް ސައްތަ އިން ސައްތަ ރިކޯޑަކާ އެކީ ގްރޫޕް ސްޓޭޖު ނިންމާލި ހަމައެކަނި ޓީމަކަށް އާސެނަލް ވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޑަންޑޯކުގެ މައްޗަށް އާސެނަަލް ކުރި ހޯދީ 4-2 ންނެވެ.
މި މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެޑްވާޑް އެންކެޓިއޭ އާސެނަލަށް ލީޑު ނަގައިދިންއިރު، އޭގެ އަށް މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މުޙައްމަދު އެލްނެނީއެވެ. އެކަމަކު މެޗުގެ 22 ވަނަ މިނެޓުގައި ޖޯޑަން ފްލޮރެސް ވަނީ ޑަންޑޯކަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި އާސެނަލުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ 67 ވަނަ މިނެޓުގައި ޖޯސެފް ވިލޮކް ކާމިޔާބުކުރި ލަނޑުންނެވެ. އަދި 80 ވަނަ މިނެޓުގައި ފޮލަރިން ބަލޮގަން ވަނީ އާސެނަލުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ސީން ހޮއޭރް ޑަންޑޯކަށް އިތުރު ލަނޑެއް ޖަހައިދީފައެވެ.
މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓް ހޯދި މޯލްޑެވެ. ތިންވަނައިގައި އޮތް ރެޕިޑް ވިއެންއަށް ހަ މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ޑަންޑޯކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕް ޖޭގެ އެއްވަނަ ޓޮޓެންހަމް ހޮޓްސްޕާ ހޯދީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރޯޔަލް އެންޓްވާޕް އަތުން 2-0 ން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަަށައިގެން 12 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ.
މި މޮޅާއެކު ގްރޫޕް ޖޭގެ އެއްވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދި އެންޓްވާޕެވެ. ތިންވަނައިގައި އޮތް ލާސްކަށް ހަ މެޗުން 10 ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ލުޑޮގޮރެޓްޒް ރަޒްގްރަޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން ގްރޫޕް އެޗުގެ އެއްވަނަ އޭސީ މިލާން ހޯދީ ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ސްޕާޓާ ޕްރާގް އަތުން 1-0 ން މޮޅުވެގެންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލާނުން ކާމިޔާބުކޮށްފައިވަނީ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔެންސް ޕެޓާ ހޭގެވެ. އަދި މި މެޗުގެ 77 ވަނަ މިނެޓުގައި ޕްރާގުގެ ޑޮމިނިކް ޕްލެޓަޗީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ގްރޫޕް އެޗުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދި ލިލްއެވެ. ތިންވަނައިގައި އޮތް ޕްރާގަށް ހަ މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ސެލްޓިކަށް ހަ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.