ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 3,917.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން 3,917.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 4,088.9 މިލިއަން ރުފިޔާއެވެ.
ހަރަދުތައްކޮށްފައިވާ ދާއިރާތަކަށް ބަލާއިރު ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުންވަނީ 1,242.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 481.3 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް 467.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުންވަނީ 294.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 107.4 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 64 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 323.3 މިލިއަން ރުފިޔާއެވެ. ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 406.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 82.1 މިލިއަން ރުފިޔާއެވެ.
އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 49.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 119.5 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ. އަދި މިސްކިތްތައް އިމާރާތްކޮށް މަރާމާތުކުރުމަށް 27.5 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ. އޭގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 984.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 20.5 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.