ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 16:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ގޫގުލް
އެމެރިކާ ސަރުކާރު
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި
ގޮތް ދޫކުރައްވަނީ ބަޖެޓު ފާސްނުވެދާނެތީ
ބަޖެޓު ފާސްނުވެއްޖެނަމަ ސަރުކާރު ހުއްޓުމަކަށް
ބޯޑަރުގެ ފާރު ރޭނުމުގެ ޚިޔާލު ދޫކޮށެއް ނުލައްވާ

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެންމެބޮޑަށް ވަކާލާތު ކުރައްވާ އެކަމަށް ކުރައްވަން ފައިވިއްދެވި އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރުގައި ރާނާ ފާރުގެ ކަންތަކުގައި ގޮތްދޫކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

 

އެމެރިކާއަށް ވަގަށް އެތެރެވާ މީހުން ހުއްޓުވުމަށް މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދެވެ.

 

ޓްރަމްޕްގެ އެންމެ ބޮޑު ވައުދުގެ ކަންތަކުގައި ގޮތް ދޫކުރައްވަފާނެ ކަމުގެ އިޝާރާތެއް މިދެއްވީ ސަރުކާރު ހިންގުމަށް ފައިސާ ޚަރަދު ކުރުމުގެ ބިލް ކޮންގްރެސް އިން ފާސް ނުވެދާނެތީއެވެ.

 

އެގޮތުން މިހާރު ކޮންގްރެސްއަށް ހުށަހެޅިފައިވާ ބިލު ފާސް ނުވެއްޖެނަމަ ސަރުކާރު ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ސަރުކާރު ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ޓްރަމްޕަށް ބޮޑެވެ.

 

އެ ސަބަބުތަކަށްޓަކައި ބިލު ފާސް ނުވެދާނެތީ ފާރު ރޭނުމަށް ހިނގާނެ ޚަރަދު ބަޖެޓުން ނެނގުމަށް ޓްރަމްޕް ގެންދަވަނީ ވިސްނަވަމުންނެވެ. އަދި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފާރު ނޭރުމަށް އަދިވެސް ތާއީދު ކުރައްވާ ކަމަށެވެ.

 

ޓްރަމްޕުގެ މުޝީރެއް ކަމަށްވާ ކެލިއާނީ ކޮންވޭ ވިދާޅުވީ ބަޖެޓުގައި ފާރުގެ ޚަރަދު ނުހިމެނިޔަސް، އެ މަސައްކަތަކީ އެމެރިކާ ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

 

އަންނަ ހުކުރު ދުވަހުގެ ކުރިން ބަޖެޓު ފާސްކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ބޯޑަރު ކައިރީގައި ރާނާ ފާރަށް ހިނގާނެ ޚަރަދު ބަޖެޓުގައި ނުހިމަނަން ޓްރަމްޕް ވިސްނެވުމުގެ އަސްލަކީ އެގޮތަށް އެ ޚަރަދު ބަޖެޓު ބިލުގައި ހިމަނައިފި ނަމަ އެ ބިލް ފާސް ނުކުރާނެ ކަމަށް ޑިމޮކްރޭޓްސް އިން ބުނުމެވެ.

 

މެކްސިކޯ ބޯޑަރުގެ ފާރަށް ޚަރަދު ކުރުމަށް ކޮންގްރެސް އިން ފާސްކުރުމަށް ޓްރަމްޕް ހިމަނާފައި ވަނީ 1.5 ބިލިއަން ޑޮލަރެވެ.

 

މި އަދަދު ބަޖެޓު ބިލުން އުނިކޮށްފި ނަމަ ސަރުކާރު ހުއްޓުމުން ސަލާމަތްވާނެ ކަމަށް ބެލެވެ އެވެ. އެހެން ނޫން ނަމަ ހުކުރު ދުވަހާ ހަމައަށް ބަޖެޓް ފާސް ނުކުރެވިއްޖެ ނަމަ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕްގެ މުޝީރުން ދެކެވަޑައިގަންނަވައެވެ.

 

ޚިޔާލު ތަފާތުވެފައިވާ އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރުގައި ރާނާ ފާރުގެ ކަންތަކުގައި އިދިކޮޅު ޑިމޮކްރޭޓުންގެ އިތުރުން ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންވެސް އެކަމާއި ދެކޮޅު ހައްދަވައެވެ.

- ކޮމެންޓް