ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 09:36
ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
ގެޓީ އިމޭޖަސް
ވާވޭ އެއްބަސްވުން ގްރީޒްމަން އުވާލުން
އުއިގޫރް މުސްލިމުންގެ ހައްގުގައި ގްރީޒްމަން ވާވޭގެ އެއްބަސްވުން އުވާލައިފި
2017 ވަނަ އަހަރުން ފެށިގެން ގްރީޒްމަނަކީ ވާވޭ ކުންފުނީގެ އެމްބަސަޑަރެއް
ވާވޭއިން ވަނީ އުއިގޫރް މުސްލިމުން ދެނެގަތުމަށް ހާއްސަ "ފޭޝަލް ރިކޮގްނޭޝަން" ސޮފްޓްވެއާއެއް ހަދާފައި

ޗައިނާގެ ސަރުކާރުން އުއިގޫރް މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭއިން އެހީތެރިވާ ކަމަށް ބުނެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވާވޭ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވާވޭއިން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެއްގެ އެހީގައި ޗައިނާގެ ފުލުހުން އަންނަނީ މީހުން އެއްވެ އުޅޭ ތަންތަނުގައި އުއިގޫރް މުސްލިމުން ދެނެގަނެ އެ މީހުން ހިފަހައްޓައި އަނިޔާކުރަމުންނެވެ.

ގްރީޒްމަނަކީ 2017 ވަނަ އަހަރުން ފެށިގެން ވާވޭ ކުންފުނީގެ އެމްބެސެޑަރެކެވެ. އަދި ވާވޭއިން އަންނަނީ އެ މީހުންގެ އިސްތިހާރުތަކުގައި ގްރީޒްމަން ބޭނުން ކުރަމުންނެވެ.

ވާވޭ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނަސްފައިވާ ކަމަށް ބުނެ ގްރީޒްމަން އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ އުއިގޫރް މުސްލިމުންނަށް ކުރާ އަނިޔާގައި ވާވޭ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އުއިގޫރް މުސްލިމުން ދެނެގަތުމަށް ހާއްސަ "ފޭޝަލް ރިކޮގްނިޝަން" ސޮފްޓްވެއާއެއް ހަދައި، އުއިގޫރް މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާއި ތަފާތު ކުރުން ޗައިނާއިން ގެންގުޅެމުން އަންނާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އެހެންކަމުން ވާވޭ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނަސްފައިވާ ކަމަށްވެސް ގްރީޒްމަން ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ޗައިނާގައި އުއިގޫރް މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ކުށްވެރިކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އުއިގޫރް މުސްލިމުންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ތައުލީމުގެ ފުރުސަތުތައް ދިނުމުން ބާކީ ކުރުމާއި، ވަޒީފާ ނުދިނުން އަދި ޓެރަރިސްޓުން ކަމަށް ބުނެ ޖަލަށްލުން ހިމެނެއެވެ.

ވާވޭއިން އުއިގޫރް މުސްލިމުން ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއެއް ހަދާފައިވާކަން ފަޅާ އަރުވައިލީ އެމެރިކާގެ ސަވައިލެންސް ރިސާޗް ފާމެއް ކަމުގައިވާ އައިޕީވީއެމުންނެވެ. އެ ކުންފުނިން މިކަން ފަޅާއަރުވާލާ ނެރުނު ބަޔާނުގައި ބުނީ ވާވޭއިން މި ސޮފްޓްވެއާ ހަދައި 2018 ވަނަ އަހަރު މެގްވީ ކިޔާ ޗައިނާ ފާމެއް މެދުވެރިކޮށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ވާވޭ ކުންފުނިން ނެރުނު ބަޔާނުގައި އެ ކުންފުނިން ވަނީ އައިޕީވީއެމުން ނެރުނު ރިޕޯޓު ކުށްވެރިކޮށްފައެވެ. އަދި ވާވޭއިން ބުނީ އެ ރިޕޯޓަކީ އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުން ދިނުމުގެ ބޭނުމުގައި ހަދާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އެ ކުންފުނިން ވަނީ އެ ކުންފުނީގެ ޕްރޮޑަކްޓްތަކަކީ ނަސްލީ ތަފާތު ކުރުމަށް ފުރުސަތު ދޭނެ ޕްރޮޑަކްޓްތަކެއް ނޫން ކަމަށްވެސް ބުނެފައެވެ.

ވާވޭ އާއެކު ހަދާފައިވާ އެއްބަސްވުން ގްރީޒްމަން ނިމުމަކަށް ގެނައުމާ ގުޅިގެން ވާވޭގެ ސްޕޯކްޕާސަން ބުނީ، ގްރީޒްމަނާއެކު ވަކިން ބައްދަލުކޮށް ނިންމުން ބަދަލުކުރުމަށް ބޭނުންވާ ކަމަށާއި، އަދި އެ ކުންފުނިން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ.

ޗައިނާގެ އުއިގޫރް މުސްލިމުންނަށް އަނިޔާކުރާ ކަމަށް ބުނެ މީގެ ކުރިން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މެސެޓް އޮޒިލްވެސް ވަނީ ޗައިނާގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އެއާއެކު ޗައިނާއިން ވަނީ އާސެނަލް ޓީވީން އޮޒިލް ދައްކާ ހަދާފައިވާ ވީޑިއޯ އެ ގައުމުގައި ދެއްކުން މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް