ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު އިންސާފުކުރި 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ހަންގޭރީގެ ވިކްޓަ ކަސާއީ ދިވެހި ރެފްރީންނަށް ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.
ކަސާއީ އަކީ މިދިޔަ 14 ވަރަކަށް އަހަރު ތެރޭ ގައުމީ ފުޓްބޯޅަ ދަނޑުން ފެނިގެންދިޔަ އެންމެ ފުންނާބުއުސް ރެފުރީއެވެ. ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އަންގާރަ ދުވަހު ހަވީރު ސޯލްޓް ކެފޭގައި ކަސާއީ ވަނީ ދިވެހި ރެފުރީންނަށް ހާއްސަ ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި ދިވެހި 30 ރެފުރީން ވަނީ ބައިވެރިވެފައެވެ.
އެއަށްފަހު އަންގާރަ ދުވަހުގެރޭ ކަސާއީ ރެފްރީކަން ކުރި މެޗުން ކުލަބު އީގަލްސް ވަނީ ފަހަތުން އަރައި 3-2 ން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ.
ދިވެހި ރެފުރީންނަށް ހާއްސަ ސެޝަނެއް ނަގައިދިން އުމުރުން 45 އަހަރުގެ ކަސާއީ ވަނީ 2011 ވަނަ އަހަރު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 ން ބާސެލޯނާ މޮޅުވި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފުކޮށްފައެވެ.
އޭގެ އިތުރުން އޭނާ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެމެރިކާ އާއި ގާނާ ވާދަކުރި މެޗާއި، ސެމީފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައިވެސް އިންސާފުކޮށްފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި، އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗުވެސް އޭނާ ވަނީ އިންސާފުކޮށްފައެވެ. މިވަގުތު ކަސާއީ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފުރީސްއެވެ.