އިޓަލީއަށް 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް ޕައޮލޯ ރޮސީ އުމުރުން 64 އަހަރުގައި މަރުވެއްޖެއެވެ.
އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރޮސީ މަރުވިއިރު، އޭނާ އައީ ފަރުވާއެއް ނެތް ބައްޔެއްގެ ވޭން ތަހައްމަލުކުރަމުންނެވެ. އެކަމަކު ރޮސީ މަރުވި ސީދާ ސަބަބެއް އޭނާގެ އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.
އިޓަލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮސީ އެންމެ ވިދާލީ 1982 ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރު ސްޕެއިނުގައި އޮތް ޥޯލްޑް ކަޕް އިޓަލީއާއެކު ރޮސީ ކާމިޔާބުކުރިއިރު، އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެގޮތުން އެ މުބާރާތުގައި ރޮސީ ވަނީ ބްރެޒިލް ކޮޅަށް ތިން ލަނޑު، ޕޮލެންޑް ކޮޅަށް ދެ ލަނޑު އަދި ވެސްޓް ޖާމަނީ ކޮޅަށް އެއް ލަނޑު ޖަހާފައެވެ. އަދި އެ އަހަރު ރޮސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑުވެސް ހާސިލުކޮށްފައެވެ.
ރޮސީ ވަނީ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމަށް 48 މެޗުން 20 ލަނޑު ޖަހައިދީފައެވެ. އަދި ނުވަ ލަނޑާއެކު އެކު އޭނާ އަންނަނީ ވޯލްޑް ކަޕުގައި އިޓަލީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު ރޮބާޓޯ ބާޖިއޯ އާއި ކްރިސްޓިއަން ވިއޭރީއާ ހިއްސާކުރަމުންނެވެ.
ކުލަބު ކެރިއަރުގައި ރޮސީ މުޅިންވެސް ކުޅުނީ އިޓަލީގެ ކުލަބުތަކަށެވެ. އެގޮތުން އޭނާ ވަނީ ޔުވެންޓަސް އާއި އޭސީ މިލާނަށްވެސް ކުޅެދީފައެވެ. އެގޮތުން ޔުވެންޓަސް އާއެކު ރޮސީ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރުން އިޓާލިއަން ކަޕާއި، ޔޫރަޕިއަން ކަޕް ވިނާސް ކަޕާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ޔޫރަޕިއަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ރޮސީ ފުޓްބޯޅަ ކުޅުން ހުއްޓާލީ ހެލަސް ވެރޯނާއަށް އެއް ސީޒަން ކުޅުމަށް ފަހު 1987 ވަނަ އަހަރުއެވެ. ރޮސީ އަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭ 2004 ވަނަ އަހަރު އެކުލަވާލި "ފީފާ 100" ލިސްޓުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ.