ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 12:25
ސާލްޒްބާގާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ން
ސާލްޒްބާގާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
އެތުލެޓިކޯ އާއި އެޓަލާންޓާ ދެވަނަ ބުރަށް
ސާލްޒްބާގް އަތުން އެތުލެޓިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުން
އަޔަކްސް އަތުން އެޓަލާންޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އެތުލެޓިކޯ މެޑްރިޑާއި އެޓަލާންޓާއިން ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގައެއް އެތުލެޓިކޯ ހޯދީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ސާލްޒްބާގް އަތުން 2-0 ން މޮޅުވެގެންނެވެ.

މި މެޗުގައި އެތުލެޓިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޔަނިކް ކަރަސްކޯގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ހަރްމޯސޯއެވެ. އަދި މި މެޗުގައި އެތުލެޓިކޯއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އެންހެލް ކޮރެއާގެ އެހީއާއެކު ޖަހައިދިނީ ކަރަސްކޯއެވެ.

މި މޮޅާއެކު ގްރޫޕް އޭގައި ހިމެނޭ އެތުލެޓިކޯ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މި ގްރޫޕުގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ ބުދަ ދުވަހުގެރޭ ލޮކޮމޯޓިވް މޮސްކޯ އަތުން 2-0 ން މޮޅުވެފައެވެ. އެއާއެކު އެއްވަނައިގައި އޮތް ބަޔާނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް ހަ މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސާލްޒްބާގަށް ހަ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މޮސްކޯއަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އަޔަކްސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 1-0 ން

މީގެ އިތުރުން އެޓަލަންޓާ ދެވަނަ ބުރަށް ދަތުރުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި އަޔަކްސް އަތުން 1-0 ން މޮޅުވެގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އަޔަކްސްއަށް މައްސަލަތަކެއް ދިމާވީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ރަޔަން ގްރަވެންބާޗަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެޓަލާންޓާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލުއިސް މިޔުރިއެލެވެ.

މި މޮޅާއެކު ގްރޫޕް ޑީގައި ހިމެނޭ އެޓަލާންޓާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މި ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައިވާ ލިވަޕޫލް ވަނީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި މިޗީލޭންޑާ 1-1 ން އެއްވަރުވެފައެވެ. އެއާއެކު އެއްވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެޓަލާންޓާއަށް ހަ މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އަޔަކްސްއަށް ހަ މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މިޗީލޭންޑަށް ހަ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް