ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 12:01
ރެއާލާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ރެއާލާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ރެއާލް ދެވަނަ ބުރަށް، އިންޓަ ކަޓައިފި
މޮންޗެންގްލަޑްބަކް އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
އިންޓަ އާއި ޝަޚްތަރު ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހި

ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ރެއާލް މެޑްރިޑް ދަތުރުކުރިއިރު، ޝަޚްތަރު ޑޮނެސްކާ އެއްވަރުވެ އިންޓަ މިލާން މުބާރާތުން ކަޓައިފިއެވެ.

އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި އާއެކު އުނދަގޫ ފައްތަރެއްގައި އޮތް ރެއާލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. އަދި މެޗުގެ 32 ވަނަ މނެޓުގައި ރޮޑްރީގޯ ހުރަސް ކޮށްދިން ބޯޅައަކުން ބެންޒެމާ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

އިންޓަ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހި

ދެވަނަ ބުރަށް ރެއާލް ދަތުރުކުރިއިރު، އިންޓަ މުބާރާތުން ކެޓީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޝަޚްތަރު ޑޮނެސްކާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. އެއާއެކު ރެއާލް އަތުން ބަލިވި މޮންޗެންގްލަޑްބަކް ވަނީ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓައިން ވަނީ މޮޅު ކުޅުމެއް ދައްކާ ޝަޚްތަރުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މި ހަމަލާތައް ހުއްޓުވުމުގައި ޝަޚްތަރުގެ ގޯލްކީޕަރު އަނަޓޮލީ ޓްރުބިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ރެއާލަށް ލިބުނީ ކުޅުނު ހަ މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައަށް ދިޔަ މޮންޗެންގްލަޑްބަކާއި ތިންވަނައަށް ދިޔަ ޝަޚްތަރަށް ހަ މެޗުން ލިބުނީ އަށް ޕޮއިންޓެވެ. އެކަމަކު ހެޑް-ޓު-ހެޑް ގަވާއިދުން ކުރި ލިބުނީ މޮންޗެންގްލަޑްބަކަށެވެ. އަދި ތާޗވަލުގެ ފުލަށް ދިޔަ އިންޓައަށް ހަ މެޗުން ލިބުނީ ހަ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް