ޔޫއޭއީއިން ސިނޮފަރމްގެ ކޮވިޑް-19 ވެކްސިނަށް ހުއްދަ ދިނުމާއިއެކު އަބޫދާބީގައި ދިރިއުޅޭ ރައްޔިތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ.
އެގޮތުން އަބޫދާބީގެ ހެލްތު ސަރވިސް ސެންޓަރަށް ގުޅައިގެން ވެކްސިން ޖެހުމަށް އެޕޮއިންޓމެންޓް ހެއްދޭނެކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރުއެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅާ ފަރާތްތަކުގެ އެމިރޭޓްސް އައިޑީ މައުލޫމާތު ހިއްސާކުރުމުން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަކުން ނުވަތަ ކްލިނަކުން ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދާދޭނެއެވެ.
ޔޫއޭއީ އިން އެގައުމުގައި ކުރިއަށް ގެންދިޔަ ސިނޮފަރމް ވެކްސިންގެ ޓްރަޔަލްތަކުގެ ނަތީޖާއިން ސިނޮވެކް ކުންފުނިން އުފައްދާފައިވާ ވެކްސިނަކީ ކޮވިޑް-19 އަށް 86 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށް ދައްކާފައިވާއިރު، އެގައުމުން ސިނޮފަރމްގެ ވެކްސިން އާންމުންނަށް ޖެހުމު ހުއްދަ ދީފައި ވަނީ ބުދަ ދުވަހުއެވެ.
ސެޕްޓެމްބަރ މަހު އެގައުމުން ސިނޮފަރމްގެ ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، ޔޫއޭއީ އަކީ ސިނޮފަރމްގެ ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިން އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ސިނޮފަރމްގެ ވެކްސިނަށް ހުއްދަދިނުން އެއީ އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޔޫއޭއީގެ ހެލްތު މިނިސްޓްރީއިން ފާހަގަކުރާއިރު، ސިނޮފަރމް ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށްވެސް ދެވޭނެއެވެ. އެގޮތުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖަހާތާ 21 ދުވަސް ފަހުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
