ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 17:31
އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
އޮޒިލް އާސެނަލް ދޫކޮށްލުން
އޮޒިލް އެމެރިކާގެ މޭޖާ ލީގަށް؟
އާސެނަލުގެ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލަށް ފުރުސަތު ދީފައެއް ނުވޭ
އާސެނަލާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި
ޑީސީ ޔުނައިޓެޑުން އަންނަނީ އޮޒިލް ހޯދުމަށް މަޝްވަރާ ކުރަމުން

އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށް ބަދަލުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފަހަކަށް އައިސް އާސެނަލުން އުމުރުން 32 އަހަރުގެ އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މި އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ މޭޖާ ލީގުގެ ޑީސީ ޔުނައިޓެޑުން އަންނަނީ އޮޒިލް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. އަދި ޑީސީގެ އިތުރުން ތުރުކީގެ ކުލަބުތަކުންވެސް އޮޒިލް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އޮޒިލް ހޯދުމަށް ސައުދީ އަރަބިއްޔާގެ ކުލަބެއް ކަމަށްވާ އެލް-ނާސިރުން ވަނީ މަސައްކަތް ކޮށްފައެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 5 މިލިޔަން ޕައުންޑަށް އޮޒިލް ހޯދުމަށް އެ ކުލަބުން މަސައްކަތް ކުރި ނަމަވެސް، އެ ފަހަރު އޮޒިލް ވަނީ އެ އެއްބަސްވުން ގަބޫލުނުކުރަން ނިންމާފައެވެ.

އޮޒިލް ހޯދުމަށް ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.

އޮޒިލަށް އާސެނަލުގެ ސްކޮޑުން ޖާގަ ގެއްލިފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް