ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 17:09
ރައުލް ހިމެނޭޒްއަށް އަނިޔާވެގެން ފަރުވާދެނިކޮށް
ރައުލް ހިމެނޭޒްއަށް އަނިޔާވެގެން ފަރުވާދެނިކޮށް
ގެޓީ އިމޭޖަސް
ހިމެނޭޒް ހޮސްޕިޓަލުން ދޫކޮށްލުން
އޮޕަރޭޝަނަށްފަހު ހިމެނޭޒް ހޮސްޕިޓަލުން ދޫކޮށްލައިފި
ހިމެނޭޒަށް އަނިޔާވީ އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ބޮލުގައި ބޯ ޖެހިގެން
ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން އޮޕަރޭޝަނެއް ކުރި

ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން އޮޕަރޭޝަނެއް ކުރި ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ން ވުލްވްސް މޮޅުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލާފައެވެ. އެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒްގެ ދެ ބޯ ޖެހިގެން ދެ ކުޅުންތެރިންނަށްވެސް އަނިޔާވިއިރު، ހިމެނޭޒަށް ވަނީ ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދަނޑުމަތީގައި ފަރުވާދީފައެވެ. އަދި އޭނާ އެއާއެކު ސީރިއަސް ހާލަތުގައި ހިމެނޭޒް ވަނީ ސީދާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވުލްވްސްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށާއި، އެއާއެކު ކުއްލި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.

ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަނަށްފަހު ހިމެނޭޒް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި، މިހާރު އަމިއްލަ ގޭގައި ހިމެނޭޒް އަރާމުކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު ބޮލަށް ލިބުނު މި އަނިޔާއާ ގުޅިގެން ހިމެނޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ވުލްވްސްއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ހޮސްޕިޓަލުގައި އޮވެ ހިމެނޭޒް ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ހިތްވަރުދީ މެސެޖުތައް ފޮނުވި އެންމެންނަށް ޝުކުރުއަދާކުރާ ކަމަށާއި، އަނިޔާއިން އެއްކޮށް ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ހިމެނޭޒަށް އަނިޔާވިއިރު، މި ސީޒަނުގައި އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއަށް މިހާތަނަށް ކުޅެދިން 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް