ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 16:54
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
ގެޓީ އިމޭޖަސް
އަގުއޭރޯ އަނިޔާއިން ރަނގަޅުވުން
މާސޭއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯ ފެނިދާނެ
އަގުއޭރޯގެ ފަލަމަސްގަނޑަށް އަނިޔާވީ އޮކްޓޯބަރު މަހުގެ ފަހުކޮޅު
މާސޭއާ ދެކޮޅަށް ކުޅޭ މެޗުގައި އަގުއޭރޯ ކުޅުވުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުގައި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 32 އަހަރުގެ އަގުއޭރޯއަށް އަނިޔާވީ ހަތަރު މަސް ދުވަހަށް ފަހުން ކުޅުމުގެ ތެރެއަށް އެނބުރި އައިތާ ހަތް ދުވަސް ފަހުންނެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން ސިޓީ އެއްވަރުވި މެޗުގައި އަގުއޭރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ މި މެޗުގައި އަގުއޭރޯ ކުޅުވުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެކަމަކު ބެންޗުން އަގުއޭރޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މި ވަގުތަށް މުހިންމީ އަގުއޭރޯ އެއްކޮށް ފިޓްވުން ކަމަށާއި، އެކަމަކު އަގުއޭރޯގެ ހާލަތު ބެލުމަށްފަހު މި މެޗުގައި އޭނާ ފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ މިދިޔަ ހަތަރުވަރަކަށް ދުވަހު ޓީމާއެކު އަގުއޭރޯ ފަރިތަކޮށްފައިވާ ކަމަށާއި، އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އަގުއޭރީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަގުއޭރޯގެ ފަލަމަސްގަނޑަށް މި ފަހަރު އަނިޔާވިއިރު، މީގެ ކުރިން އަގުއޭރޯގެ ކަކުލަށް އަނިޔާވީ މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފަަހަރު އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ސިޓީ ކަށަވަރުކޮށްފައިވާއިރު، އެ ޓީމު އޮތީ ގްރޫޕް ސީގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕޯޓޯއަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އޮލިމްޕިއާކޯސް އާއި ހަތަރުވަނައިގައި އޮތް މާސޭއަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީ އާއި މާސޭ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭގެ ދަންވަރު ރާއްޖެ ގަޑިން 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް