ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 11:31
ބާސާ އާއު ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 ން
ބާސާ އާއު ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބާސާ ބަލިކޮށް ޔުވެންޓަސްއަށް އެއްވަނަ
ބާސާ އަތުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާއަކުން
ޔުވެންޓަސް އާއި ބާސާ ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ބާސެލޯނާ ބަލިކޮށް ޔުވެންޓަސްއިން ގްރޫޕް ޖީގެ އެއްވަނަ ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ ހަތް އަހަރުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގު މެޗަކުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.

ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުން މި ފަހަރު ރޮނާލްޑޯ ކާމިޔާބުކުރިއިރު، މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ބާސާގެ ރޮނާލްޑް އަރައުހޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ހުރަސްކޮށްދިން ބޯޅައަކުން ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނީ ވެސްޓަން މެކެނީއެވެ. އަދި މި މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ރޮނާލްޑޯއެވެ. މިއީ ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ބާސާއިން ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ހަތް ހަމަލާއެއް އުފެއްދިއިރު، މި ހުރިހާ ހަމަލާއެއްވެސް ފޮނުވާލީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި މެސީގެ ހަމަލާތައް ހުއްޓުވުމުގައި ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މޮޅާއެކު އެއްވަނައިގައި އޮތް ޔުވެންޓަސް އާއި ދެވަނައިގައި އޮތް ބާސާއަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ. ޔުވެންޓަސްއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް ޑީނަމޯ ކިއެވްއަށް ހަ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ފެރެންސްވަރޯސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް