ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 23:43
ކުލަބު އީގަލްސްއިން ޗެރިޓީ ޝީލްޑް ފުރަތަމަ ފަހަރަށް ހިއްލާލަނީ
ކުލަބު އީގަލްސްއިން ޗެރިޓީ ޝީލްޑް ފުރަތަމަ ފަހަރަށް ހިއްލާލަނީ
އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފެށުން
އީގަލްސްއިން ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި
އީގަލްސް މޮޅުވީ މާޒިޔާ އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން
މި މެޗު އިންސާފުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ވިކްޓަ ކަސާއީ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކުލަބު އީގަލްސްއިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް އީގަލްސްއިން ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ފަހަތުން އަރައި 3-2 ން މޮޅުވެގެންނެވެ.

މި މެޗު އިންސާފުކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ހަންގޭރީގެ ވިކްޓަ ކަސާއީއެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޕީޓަ ޕްލަނިޗްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) އެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ސިނާހު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ހާފުގައި އީގަލްސްއިން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައިވަނީ އެ ޓީމުގެ އަޙްމަދު ރިޒުވާން (ރިޒޭ) އެވެ. އެކަމަކު އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ކުޅުން ރަނގަޅުކުރިއިރު، އަށް މިނެޓު ތެރޭ އެ ޓީމުން ވަނީ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ރިޒޭ ދިން ޕާހަކުން އީގަލްސްއަށް ފަރަގު ކުޑަކޮށްދިނީ ޒައިން ޒަފަރެވެ. އަދި 71 ވަނަ މިނެޓުގައި ރިޒޭ ދިން ޕާހަކުން މުޙައްމަދު ނާއިމް ވަނީ އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ނެގީ 75 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޒޭއެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ ޒައިންއަށް މާޒިޔާގެ ގޯލްކީޕަރު ނިކޮލަ ވުޔަނަޗް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗަށްފަހު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ ކަހަލަ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް އަތުން ފަހަތުން އަރައި މޮޅުވުމަކީ އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި، އެހެން ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތުން ލިބުނު މޮޅާ އެކީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފުކުރަން ބޭނުންވާ ކަމަށެވެ.

މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗު ފެށުނުއިރު ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް، ޕްރީ-ސީޒަނުގައި މާޒިޔާއިން ކުޅުނު މެޗުތަކާ ގާތަށް ވެސް މި މެޗުގައި ނުކުޅެވޭ ކަމަށެވެ. އެކަމަކު މިއީ ކުޅުންތެރިންނަށް ލިބުނު ރަނގަޅު މެސެޖެއް ކަމަށާއި، މިއާއެކު ލީގުގައި ރަނގަޅަށް ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

މި މެޗަށްފަހު މެޗުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއަށް އެފްއޭއެމް ފައުންޑޭޝަނުގެ ފަރާތުން ވަނީ ޗެރިޓީ ހަދިޔާކޮށްފައެވެ. އެގޮތުން މި ތިން ޖަމުޢިއްޔާގެ މެދުގައި 100،000 ރުފިޔާ ވަނީ ހަމަހަމައަށް ބަހާލާފައެވެ.

ސީޒަަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް އީގަލްސްއިން ކާމިޔާބުކުރިއިރު، ޗެރިޓީ ޝީލްޑަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް