ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 18:46
ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ
ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ
ގެޓީ އިމޭޖަސް
ޗެލްސީން ކެޕާ ވިއްކާލުން
ކެޕާ ވިއްކާލުމަށް ޕްރެޝަރެއް ނެތް: ލަމްޕާޑް
ކެޕާ އެންމެ ފަހުން ޗެލްސީއަށް މެޗެއް ކުޅެދިނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު
ޕްރެޝަރު އޮތީ މެޗުތަކުން މޮޅުވުމަށް ކަމަށް ލަމްޕާޑް ބުނި
ލޯނު އުސޫލުން ކެޕާ ހޯދުމަށް ސެވިއްޔާއިން އަންނަނީ މަސައްކަތް ކުރަމުން

ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ ވިއްކާލުމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

އެއާއެކު މި ނިމުނު ޓްރާންސްފާގައި ޗެލްސީން ރެނެސްއަށް ކުޅެމުން އައި ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއި ހޯދިއިރު، ކެޕާ އެންމެ ފަހުން ޗެލްސީއަށް މެޗެއް ކުޅެދިނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ކެޕާގެ ބަދަލުގައި ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމު މެންޑީއަށް ދީފައިވާއިރު، އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މެންޑީ ވަނީ ޗެލްސީއަށް ކުޅެދިން 12 މެޗުގައި ނުވަ ކްލީންޝީޓް ހާސިލުކޮށްފައެވެ.

ދާދި ފަހުން ނޫސްވެރިންނާ ވާހަކަދައްކަމުން ލަމްޕާޑް ބުނީ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ކެޕާ ގެނަ ނަމަވެސް، އޭނާ ވިއްކާލަން އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ޕްރެޝަރު އޮތީ މެޗުތަކުން މޮޅުވުމަށް ކަމަށެވެ. އެހެންކަމުން މެޗުތަކުން މޮޅުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރާނެ ކަމަށް ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވުމާއެކު، އެ ޓީމު ދޫކޮށްލަން އުމުރުން 26 އަހަރުގެ ކެޕާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ސެވިއްޔާއިން އަންނަނީ ކެޕާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސްޕެއިނުގެ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ލޯނު އުސޫލުން ކެޕާ ގެންދިޔުމަށް ސެވިއްޔާއިން ވަނީ ޗެލްސީގައި އެދިފައެވެ. އަދި ޗެލްސީން ކެޕާ ދޫކޮށްލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެތުލެޓިކް ބިލްބާއޯ ދޫކޮށް 2018 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކެޕާ ވަނީ އެ ޓީމަށް 98 މެޗު ކުޅެދީ، އެ ޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް