ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 17:13
މިދިޔަ ސީޒަނުގެ ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރި ލިވަޕޫލް ޓީމު
މިދިޔަ ސީޒަނުގެ ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރި ލިވަޕޫލް ޓީމު
ގެޓީ އިމޭޖަސް
އައު ފޯމެޓަށް ބާއްވާ ކުލަބު ވޯލްޑް ކަޕް
އައު ފޯމެޓަށް ބާއްވާ ކުލަބު ވޯލްޑް ކަޕް ފެށުން ފަސްކޮށްފި
މީގެ ކުރިން އައު ފޯމެޓަށް ކުލަބު ވޯލްޑް ކަޕް ބާއްވަން ތާވަލުކުރީ އަންނަ އަހަރު ޗައިނާގައި
އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މިހާރުވެސް ބާއްވަމުން އަންނަ ފޯމެޓަށް

އައު ފޯމެޓަށް ބާއްވާ ފީފާ ކުލަބު ވޯލްޑް ކަޕް ފެށުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

މިހާރު ފީފާއިން ކުލަބު ވޯލްޑް ކަޕް ބާއްވަނީ ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި އާދައިގެ މުބާރާތެއްގެ ގޮތުގައެވެ. އެކަމަކު މިދިޔަ އަހަރު ފީފާއިން ވަނީ ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް އަލަށް ގެނައި ބަދަލާއެކު، މި މުބާރާތް ދެން ބާއްވާނީ 24 ޓީމާއެކު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ.

މި މުބާރާތުގައި ވާދަކުރާނީ ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމު އަދި އޯޝޭނިއާގެ ޓީމެކެވެ. ފީފާއިން މީގެ ކުރިން ވަނީ އައު ކުލަބު ވޯލްޑް ކަޕަކީ ފީފާ ކޮންފަޑަރޭޝަންސް ކަޕުގެ ބަދަލުގައި ބާއްވާ މުބާރާތެއް ކަމަށް ބުނެފައެވެ.

އައު ކުލަބު ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތް އަންނަ އަހަރު ޗައިނާގައި ޖޫން މަހުގެ 17 ވަނަ ދުވަހުން ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް މީގެ ކުރިން ނިންމި ނަމަވެސް، މިހާރު ވަނީ އެ މުބާރާތް ފެށުން މި ވަގުތަށް މަޑުޖައްސާލާފައެވެ. އެގޮތަށް ނިންމީ މި އަހަރުގެ ޑިސެމްބަރު މަހަށް ތާވަލުކޮށްފައި އޮތް ކުލަބު ވޯލްޑް ކަޕް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކުރަން ނިންމުމާ ގުޅިގެންނެވެ.

އެއާއެކު ފީފާ ކައުންސިލުން ހުކުރު ދުވަހު ވަނީ އަންނަ ސީޒަނުގެ ކުލަބު ވޯލްޑް ކަޕް ޖަޕާނުގައި އަންނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭ މިހާރުވެސް ބާއްވަމުން އަންނަ ފޯމެޓަށް ކުރިއަށް ގެންދަން ނިންމާފައެވެ. މީގެ 20 އަހަރު ކުރިން 2000 ވަނަ އަހަރު ބާއްވަން ފެށި ކުލަބު ވޯލްޑް ކަޕް މީގެ ކުރިން އަށް ފަހަރެއްގެ މަތިން ވަނީ ޖަޕާނުގައި ބާއްވާފައެވެ. އެގޮތުން އެންމެ ފަހުން ޖަޕާނުގައި މި މުބާރާތް ބޭއްވީ 2016 ވަނަ އަހަރުއެވެ.

މިދިޔަ އަހަރުގެ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލުންނެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހު މި ސީޒަނުގެ ކުލަބު ވޯލްޑް ކަޕް ބާއްވާއިރު، މިހާތަނަށް މި މުބާރާތަށް ދެ ޓީމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ ލީގު ޗެމްޕިއަން އަލް ދުހައިލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް