ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 16:28
މިދިޔަ ސީޒަނުގައި ބްރެޝިއާއަށް ކުޅުނު ފޯވާޑް މާރިއޯ ބަލޮޓެލީ
މިދިޔަ ސީޒަނުގައި ބްރެޝިއާއަށް ކުޅުނު ފޯވާޑް މާރިއޯ ބަލޮޓެލީ
ގެޓީ އިމޭޖަސް
ބަލޮޓެލީ މޮންޒާއަށް ސޮއިކުރުން
ބަލޮޓެލީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބަކަށް
މި އަހަރުގެ ޖުލައި މަހަށްފަހު ބަލޮޓެލީ ހުރީ ޓީމަކާ ނުގުޅި
ބަލޮޓެލީ އަކީ މޮންޒާއާ ގުޅުނު މިލާނުގެ ކުރީގެ މަޝްހޫރު ދެވަނަ ކުޅުންތެރިޔާ

މަޝްހޫރު ފޯވާޑް މާރިއޯ ބަލޮޓެލީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ އޭސީ މޮންޒާއަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި ވާދަކުރި ބްރެޝިއާއަށް އުމުރުން 30 އަހަރުގެ ބަލޮޓެލީ ކުޅުނުއިރު، އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. އެއާއެކު އެ ޓީމުން ބަލޮޓެލީގެ އެއްބަސްވުން އާކޮށްފައި ނުވާއިރު، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމާ ގުޅިގެން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބްރެޝިއާއިން ވަނީ ބަލޮޓެލީގެ އެއްބަސްވުން އުވާލާފައެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ހުރީ ޓީމަކާ ނުގުޅިއެވެ.

އޭސީ މިލާނުގެ ކުރީގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީ ހިންގަވާ ދެވަނަ ޑިވިޝަނުގެ މޮންޒާއަށް ބަލޮޓެލީ ސޮއިކުރިއިރު، އޭނާ ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އިޓަލީގެ ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ފްރެންޗްޓަކޯރުޓާއާއެކު ފަރިތަކޮށްފައެވެ.

ބަލޮޓެލީ އަކީ މޮންޒާއާ ގުޅުނު މިލާނުގެ ކުރީގެ މަޝްހޫރު ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިލާނުގެ ކުރީގެ މިޑްފީލްޑަރު ކެވިން-ޕްރިންސް ބޯޓެންވެސް ވަނީ މޮންޒާއަށް ސޮއިކޮށްފައެވެ.

މީގެ ކުރިން ޔޫރަޕުގެ މަޝްހޫރު ކުލަބުތަކަށް ކުޅުނު ބަލޮޓެލީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބަކަށް ސޮއިކުރިއިރު، އޭނާ ވަނީ މީގެ ކުރިން އިންޓަ މިލާން، އޭސީ މިލާން، މެންޗެސްޓާ ސިޓީ އަދި ލިވަޕޫލަށްވެސް ކުޅެފައެވެ.

އިންޓަ މިލާނާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ ބަލޮޓެލީ ވަނީ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕުވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިޓަލީއާއެކު 2012 ވަނަ އަހަރު ޔޫރޯގެ ދެވަނަ ހޯދި ބަލޮޓެލީ ވަނީ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް