ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 07:14
މިދިޔަ ސީޒަނުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗެއްގެ ތެރެއިން
މިދިޔަ ސީޒަނުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗެއްގެ ތެރެއިން
އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފެށުން
ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު މިރޭ، ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް
މި މެޗު އިންސާފުކުރާނީ 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ވިކްޓަ ކަސާއީ
މި މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 09:00 ގައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު އަންގާރަ ދުވަހުގެރޭ ކުޅޭނެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރަނަރަޕް ކުލަބު އީގަލްސްއެވެ. މި މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 09:00 ގައެވެ.

މި މެޗު އިންސާފުކުރާނީ 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ހަންގޭރީގެ ވިކްޓަ ކަސާއީއެވެ.

ކަސާއީ ވަނީ 2011 ވަނަ އަހަރު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 ން ބާސެލޯނާ މޮޅުވި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެމެރިކާ އާއި ގާނާ ވާދަކުރި މެޗާއި، ސެމީފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައިވެސް އިންސާފުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި، އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗުވެސް އިންސާފުކޮށްފައެވެ. މިވަގުތު ކަސާއީ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފުރީސްއެވެ.

މި މެޗުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފައެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ލީގުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް