ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 11:02
ސަމްޕްޑޯރިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން
ސަމްޕްޑޯރިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ސަމްޕްޑޯރިއާ ބަލިކޮށް މިލާނުން ލީޑު ދަމަހައްޓައިފި
ސަމްޕްޑޯރިއާ އަތުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުން
މިލާން އެއްވަނައިގައި އޮތީ 26 ޕޮއިންޓާއެކު

ސަމްޕްޑޯރިއާ އަތުން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި މިލާނުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗާއި، އިސްމާޢީލް ބެނަސޭ އަދި ސިމޮން ކިޔާ ކުޅެފައެއް ނުވެއެވެ. އެކަމަކު މެޗުގައި މިލާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކެސިއޭއެވެ. މިއީ އޭރިއާ ތެރެއިން ސަމްޕްޑޯރިއާގެ ޔަކުބް ޔަންކްޓޯގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި މިލާނުން ލީޑު ފުޅާކޮށްފައިވަނީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމޫ ކަސްޓެހީލޯއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން އަލްބިން އެކްޑަލް ވަނީ ލަނޑެއް ޖަހާ ސަމްޕްޑޯރިއާއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު މިލާން އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާއެކު ވާދަވެރި އިންޓަ މިލާނެވެ. އަދި އާދީއްތަ ދުވަހުގެރޭ ކްރޮޓޯނޭ އަތުން 4-0 ން މޮޅުވެ ނާޕޮލީ ވަނީ 10 މެޗުން 20 ޕޮއިންޓާއެކު ތިންވަނައަށް އަރާފައެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ހަތަރުވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް