ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 22:27
އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރަނިކޮށް
އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރަނިކޮށް
އެމްއޯސީ
އައިއޯއައިޖީ މަޑަގަސްކަރައިގައި ބާއްވަން ނިންމުން
އައިއޯއައިޖީ 2023 ގައި އޮންނާނީ މަޑަގަސްކަރައިގައި
މީގެ ކުރިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ވަނީ ނިންމާފައި
ކޮވިޑް-19 އާ ގުޅިގެން މި ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހަނި ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވި
2023 ގައި އައިއޯއައިޖީ މަޑަގަސްކަރައިގައި ބޭއްވުމަށް ނިންމީ މެންބަރު ފަސް ގައުމެއްގެ ވޯޓާއެކު

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު މަޑަގަސްކަރައިގައި ބޭއްވުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ނިންމިއިރު، އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އައިއޯއައިޖީގެ ބިޑު ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް ވިދާޅުވީ އާދިއްތަ ދުވަހުގެރޭ އޮންލައިންކޮށް ބޭއްވި އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅީ 2023 ވަނަ އަހަރުގެ ގޭމްސް 2025 ވަނަ އަހަރު ބޭއްވުމަށް ކަމަށެވެ. އެކަމަކު އިތުރު ދެ އަހަރު މަޑުކުރަން ބޭނުންނުވާތީ މަޑަގަސްކަރައިން 2023 ވަނަ އަހަރުގެ ގޭމްސް ބޭއްވުމަށް ހުށަހެޅުމާއެކު އެކަމަށް ވޯޓު ނެގިއިރު، މެންބަރު ފަސް ގައުމެއްގެ ވޯޓާއެކު 2023 ވަނަ އަހަރުގެ ގޭމްސް މަޑަގަސްކަރައިގައި ބޭއްވުމަށް ނިންމީ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި 2025 ވަނަ އަހަރު އިތުރު ގޭމްސްއެއް ބޭއްވުމަށް ނުވަތަ 2027 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުންތަކުގައި ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ގޭމްސް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ޕްލޭން ކުރެވިފައި އޮތް އަހަރަކީ މި އަހަރު ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ހުރީ ނުފެށި ކަމަށެވެ. އެހެން ކަމުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އެ މަސައްކަތް ފަށައިގެން އައިއޯއައިޖީ ރާއްޖޭގެ ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަމަކު އައިއޯއައިޖީ ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވޭނެ ކަމަށް މީގެ ކުރިން މަރުޒޫގް ވިދާޅުވިއިރު، އޭގެ ފަހުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން އެމްއޯސީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކުވެސް މަޝްވަރާކުރައްވާފައެވެ.

2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު މީގެ ކުރިން ލިބުނު އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް