ނެޝަނަލް މާޝަލް އާޓްސް ސެންޓަރާއި ހުޅުމާލޭ ޓީޓީ ހޯލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި އާދީއްތަ ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒް އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ދިވެހިންގެ އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށާއި، ކުޅިވަރުގެ ރަން ވަނަތައް ދިވެހިން ބޭނުންވާ ކަމަށެވެ. އެކަމަކު އެ ކާމިޔާބީ ހާސިލުކުރުމަށް އެކަށީގެންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތް ކަމަކީ ގާބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށާއި، ކުޅިވަރުގެ ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލުތަކާއި، ޖިމް ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް އަދިވެސް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން ތިބި ކަމަށާއި، ނަމަވެސް ހަގީގީ ކާމިޔާބާ ހަމައަށް އެ ކުޅުންތެރިންނަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން ފެންނަ ކަމަށެވެ. ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް ނެތުން ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ ކުޅިވަރު ތަރައްޤީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށްދިނުން ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ކުޅުންތެރިންނަށް ހޯދައިދިނުމާއި، އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން އެހީތެރިކަމާ އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމުން އަންނަނީ އެސޯސިއޭޝަންތަކުގެ ހިޔާލާއެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލެ ނޫން ގޮތެއް ކުޅިވަރު ކުޅުންތެރިންނަށް ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައިވެސް ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުން ކަމަށް ވިދާޅުވިއެވެ.
މާޝަލް އާޓްސްގެ ކޫޑޯ މޯލްޑިވްސްގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި އަޝްހަމް އަބްދުﷲ ވިދާޅުވީ މާޝަލް އާޓްސް ސެންޓަރާއެކު މާޝަލް އާޓްސްއަށް އިތުރު ދިރުމެއް ލިބިފައިވާ ކަމަށާއި، ކުރިން މި ކުޅިވަރު ކުޅެމަށް އުފުލަން ޖެހުނު ތަކުލީފު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުޅިވަރާ ބެހޭ ވުޒާރާއިން ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް، މާޝަލް އާޓްސް ދަސްކޮށްދިނުމަށް ދޫކުރިއިރު، ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި އެ ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން ވެވުނު އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާޓްސް ކިޔަވައިދިނުމުގެ ތިއަރީ ކުލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމުތަކާއި، މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހުޅުމާލޭ ޓީޓީ ހޯލު ހުޅުވިގެންދިޔައިރު، މިއީ ފާއިތުވެދިޔަ 45 އަހަރުތެރޭގައި މާލޭގެ ޓީޓީ ހޯލު ފިޔަވައި އައު ޓީޓީ ހޯލެއް ޓީޓީ އެސޯސިއޭޝަނަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.