ސްރީ ލަންކާގެ ތަޖުރިބާކާރު ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
އީގަލްސްގައި ފަސް އަހަރު ހޭދަކުރުމަށްފަހު ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކުރި ސުޖަން ވަނީ އެ ކުލަބު ދޫކޮށް ލަންކާގެ ޓީމަކާ ގުޅިފައެވެ. އެއާއެކު އީގަލްސްއިން ބިދޭސީ ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ފެށިއިރު، މީގެ ކުރިން ވަނީ ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރޭ ރެގްލީ ގެންނަން ނިންމާފައެވެ. އެކަމަކު އޭނާގެ ބަދަލުގައި އައު ގޯލްކީޕަރެއް ހޯދުމަށް އީގަލްސްއިން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސުޖަންގެ އިތުރުން މި ނިމުނު ޓްރާންސްފާގައި އީގަލްސް ދޫކޮށްލި އަނެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ ކުރިއަށް އޮތް ސީޒަނަށް ކުލަބު ވެލެންސިއާއަށް ކުޅުމަށް ސޮއިކޮށްފައެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން ބުނީ މިދިޔަ ފަސް އަހަރު އީގަލްސްގެ ގޯލު ސުޖަން ބެލެހެއްޓިއިރު، އޭނާއަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު އިތުބާރެއް އަދި ހިތްހަމަޖެހުމެއް ލިބޭ ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން އޭނާ ނެތުމުން އޭގެ އަސަރުތަކެއް ޓީމަށް ކުރާނެ ކަމަށާއި، އެކަމަކު މިހާރު ޓީމުގައި ހުރި ޒުވާން ދިވެހި ގޯލްކީޕަރަކީވެސް ވަރަށް ރަނގަޅު މުސްތަގުބަލެއް އޮތް ގޯލްކީޕަރެއް ކަމަށްވެސް ބުންޏެވެ.
އީގަލްސްއަށް އަދި މިހާތަނަށް ބިދޭސީ ގޯލްކީޕަރެއް ގެނެސްފައިނުވާއިރު، މޯހަން ބުނީ އެ ޓީމުން ސީޒަން ފަށާނީ ޒުވާން ދިވެހި ގޯލްކީޕަރާ އެކުގައި ކަމަށާއި، މިއީ އޭނާއަށްވެސް ލިބޭ ބޮޑު ތަޖުރިބާއެއް ކަމަށެވެ. އަދި ސުޖަން ނެތްތަން ފޫބައްދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި، އެކަމަކު ސުޖަން އާއި ސެންޓޭ ނެތްތަން ފޫބެއްދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މޯހަން ބުންޏެވެ.
މިދިޔަ ސީޒަނުގައި އީގަލްސްގެ ހައިޝަމް ހަސަނާއި މުޙައްމަދު ނާއިމުގެ ކަކުލަށް އަނިޔާވެގެން އެ ދެ ކުޅުންތެރިންނަށް ވަނީ ބައެއް މެޗުތައް ގެއްލިފައެވެ. އެކަމަކު އެ ދެ ކުޅުންތެރިން މިހާރު އަންނަނީ އަނިޔާއިން ރަނގަޅުވެ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
މޯހަން ބުނީ މިހާރު އެ ދެ ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮށް ކަމަށާއި، އޭގެ ތެރެއިން ޕްރީ-ސީޒަން ތެރޭގައި ނާއިމުގެ މަސައްކަތު ރޭޓް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ. އަދި ހަމައެއާއެކު ހައިޝަމްވެސް މިހާރު ހުރީ ވަރަށް ފިޓްކޮށް ކަމަށްވެސް މޯހަން ބުންޏެވެ.
އައު ސީޒަނާ އީގަލްސްއިން ކުރިމަތިލާއިރު، ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މުޅިން އަލަށް މިފަހަރު އީގަލްސް ވާދަކުރާނެއެވެ. އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ އެ މެޗުގައި އީގަލްސް ނުކުންނާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މީގެ އިތުރުން އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުންވެސް ޖާގައެއް ހޯދާފައެވެ.