ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު އިންސާފުކުރުމަށް 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފުރީ ހަންގޭރީގެ ވިކްޓަ ކަސާއީ ރާއްޖެ އައިސްފިއެވެ.
މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެރެއެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ.
މި މެޗު އިންސާފުކުރުމަށް ގެނައި ކަސާއީ ވަނީ 2011 ވަނަ އަހަރު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 ން ބާސެލޯނާ މޮޅުވި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެމެރިކާ އާއި ގާނާ ވާދަކުރި މެޗާއި، ސެމީފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައިވެސް އިންސާފުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި، އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗުވެސް އިންސާފުކޮށްފައެވެ. މިވަގުތު ކަސާއީ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފުރީސްއެވެ.
މި މަހުގެ އަށްވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފައެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ. އެކަމަކު މި އަހަރު ވެރިޓީގެ ގޮތުގައި ޚަރަދުކުރާނެ ފައިސާއެއް އެފްއޭއެމުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.
ޗެރިޓީ ޝީލްޑް މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.