ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 14:06
މޮންޕެލިއޭ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
މޮންޕެލިއޭ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
މޮންޕެލިއޭ އަތުން ޕީއެސްޖީއަށް މޮޅެއް
މޮންޕެލިއޭ އަތުން ޕީއެސްޖީ މޮޅުވީ 3-1 ގެ ނަތީޖާއަކުން
ޕީއެސްޖީ އޮތީ އެއްވަނައިގައި 28 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ މޮންޕެލިއޭ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޕީއެސްޖީން ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން މި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާ ކުޅެފައި ނުވާއިރު، އެ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ކުޅެން އަރުވާފައިވަނީ މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮލިން ޑަގްބާއެވެ.

އެކަމަކު މޮންޕެލިއޭއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޓެފީ މަވިޑީޑީއެވެ. މެޗުގައި ޕީއެސްޖީން ދެވަނަ ފަހަރަށް ލީޑު ނެގީ 77 ވަނަ މިނެޓުގައި މޮއިސް ކީން ކާމިޔާބުކުރި ލަނޑުންނެވެ. އަދި އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އުމުރުން 21 އަހަރުގެ އެމްބާޕޭ ޕީއެސްޖީއަށް ޖަހައިދިން 100 ވަނަ ލަނޑެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާސޭއަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން ބަލިވި މޮންޕެލިއޭ އޮތީ ތާވަލުގެ ހަވަނައިގައި 13 މެޗުން 23 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް