ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުވެސް އެއްވަރުވެއްޖެއެވެ.
ބަޔާން އެއްވަރުވީ ތާވަލުގެ ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގާ ވާދަކޮށް 3-3 ންނެވެ.
ބަޔާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެއިޕްޒީގުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ތޯމަސް މުލާ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ.
އެކަމަކު މެޗުގައި ބަޔާނަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ދެ މިނެޓަށެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖަސްޓިން ކްލައިވަޓް ވަނީ ލެއިޕްޒީގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެމިލް ފޯސްބާގް ވަނީ ލެއިޕްޒީގަށް އަލުން ލީޑު ނަގައިދީފައެވެ. މި މެޗުން ބަލިނުވެ ބަޔާން ސަލާމަތްވީ މެޗުގެ 75 ވަނަ މިނެޓުގައި މުލާ ކާމިޔާބުކުރި ލަނޑުންނެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް އެއްވަރުވީ އެއިންޓްރެކްޓް ފްރެންކްފަޓާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.
ފްރެންކްފަޓުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑައިޗީ ކަމަޑާއެވެ. މި މެޗުގައި ޑޯޓްމުންޑުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮވާނީ ރޭނާއެވެ.
މިި ނަތީޖާތަކާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލެއިޕްޒީގަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑޯޓްމުންޑަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.