އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި އިންޓަ މިލާނުވެސް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޓޮރީނޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ޓިއުރިން ޑާބީގައި ޔުވެންޓަސް އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ޓޮރީނޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑޫ އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް އެންކޫލޫއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ޔުވެންޓަސްއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ޓީމުގެ ލެއޮނާޑޯ ބޮނޫޗީ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
އެކަމަކު މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓަން މެކެނީ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީއެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ބޮލޯނިއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އިންޓައށް ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަޝްރަފް ހަކީމީ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ 67 ވަނަ މިނެޓުގައި އެމަނުއެލް ވިންޔާޓޯ ބޮލޯނިއާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ހަކީމީ ވަނީ އަލުން އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާތަކާއެކު ކުޅުނު 10 މެޗުން 21 ޕޮއިންޓް ހަމަކޮށް ދެވަނައިގައި އިންޓަ އޮތްއިރު، ޔުވެންޓަސް ތިންވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ނުވަ މެޗުން 23 ޕޮއިންޓާއެކު އޮތީ އޭސީ މިލާނެވެ.