ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 10:38
ޗެލްސީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-1 ން
ޗެލްސީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ އެއްވަނައަށް، ޔުނައިޓެޑާއި ސިޓީއަށް މޮޅެއް
ލީޑްސް އަތުން ޗެލްސީ މޮޅުވީ 3-1 ގެ ނަތީޖާއަކުން
ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުން
ފުލަމް އަތުން ސިޓީ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީޑްސްގެ މައްޗަށް ޗެލްސީން ކުރިހޯދީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލީޑްސްއިންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ބަމްފޯޑެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 27 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ޗެލްސީން ލީޑު ނެގީ 61 ވަނަ މިނެޓުގައި ކާޓް ޒޫމާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޗެލްސީ އެއްވަނައަަށް އެރީ 11 މެޗުން 22 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭގެ މެޗުތަކުން މޮޅުވެ މި ދެ ޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ވެސްޓް ހޭމާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މި މެޗު ބަލަން އެ ޓީމުގެ 2،000 ސަޕޯޓަރުން ވަންއިރު، މި މެޗަކީ ކޮވިޑް-19 ގެ ހާލަތަށް އައި ބަދަލާއެކީ އިނގިރޭސި ސަރުކާރުން ދިން ހުއްދައިގެ ދަށުން ސަޕޯޓަރުން ވަން ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ވެސްޓް ހޭމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ ތޯމަސް ސޫޗެކްއެވެ. އެކަމަކު ދެވަނަ ހާފުގެ 13 މިނެޓު ތެރޭ ތިން ލަނޑު ޖަހާ ޔުނައިޓެޑުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ މޭސަން ގްރީންވިޑެވެ. އަދި އޭގެ 10 މިނެޓު ފަހުން މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.

ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީ މޮޅުވީ ފުލަމް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ސިޓީއަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިންއެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ސިޓީއަށް ލީޑުފުޅާކޮށްދިނީ ޕެނަލްޓީއަކުން ކެވިން ޑި ބްރޭނާއެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ސްޓާލިންއަށް ފުލަމްގެ ޔަކިމް އެންޑަސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާތަކާއެކު ޔުނައިޓެޑް ހަތަރުވަނަ އަށް އެރީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި ފަސްވަނައިގައި އޮތް ސިޓީއަށް ވަނީ 10 މެޗުން 18 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް