ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 17:08
އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް
އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒްގެ ޓެސްޓާ ގުޅޭ މައްސަލަ
ޓެސްޓު ހެދުމުގައި ސުއަރޭޒަށް ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރު އެހީވިކަމުގެ ތުހުމަތު
އިޓަލީގެ ރަށްވެހިކަން ހޯދުމަށް ނެގި ޓެސްޓުން ސުއަރޭޒް މަކަރުހެދި މައްސަލަ އަންނަނީ ބަލަމުން
ސުއަރޭޒަށް ޓެސްޓުގެ ހުރިހާ ތަފުސީލެއް ކުރިން ލިބުނު ކަމަށް ރިޕޯޓުތައް ބުނޭ

އިޓަލީގެ ރަށްވެހިކަން ހޯދުމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ހެދި ޓެސްޓުގައި އޭނާއަށް ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ އެހީވިކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

މި ނިމުނު ޓްރާންސްފާގާއި ޔުވެންޓަސްއިން ސުއަރޭޒް ހޯދުމަށް މަސައްކަތްކުރިއިރު، އިޓަލީގެ ރަށްވެހިކަން ހޯދުމަށް ޔުނިވާސިޓީ އޮފް ޕެރޫޖާއިން ސުއަރޭޒް ޓެސްޓު ހެދީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު އެ ޓެސްޓުގައި ސުއަރޭޒް މަކަރު ހެދި ކަމަށް ބުނެ ހަމަ އެ މަހު ޕެރޫޖާގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. މީގެ ކުރިން ޕެރޫޖާގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓު ހެދުމުގެ ކުރިން ސުއަރޭޒަށް ޓެސްޓުގެ ހުރިހާ ތަފުސީލެއް ލިބުނު ކަމަށާއި، އަދި ޓެސްޓުގެ ނަތީޖާއާ މެދުވެސް ކުރިޔާލާ އޮތީ ވަކި ގޮތެއް ނިންމާފައި ކަމަށެވެ.

އެއާއެކު ޕެރޫޖާގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ ޓެސްޓް ހެދުމުގައި ސުއަރޭޒަށް ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ އެހީވިކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު ޔުވެންޓަސްއިން ޕަރަޓިޗީ ދިފާއުކޮށް ބަޔާނެއް ނެރެފައެވެ.

އެ ކުލަބުން ބުނީ މި މައްސަލަ ބެލުމަކީ އެ ކުލަބުންވެސް އެދޭ ގޮތް ކަމަށާއި އެއީ އެ ކުލަބުގެ މައްޗަށް ކުރެވެމުން އަންނަ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށެވެ. އަދި އެ މައްސަލައިގައި އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ޕަރަޓިޗީ އެެއްވެސް ގޯހެއް ނުހަދާ ކަމަށް އެކި ފަހަރު މަތިން ބުނެފައިވާ ކަމަށާއި، އެކަމަކު އޭނާ ހުރީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުނުން ދިނުމަށް ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން މި މައްސަލައިގައި އިޓަލީގެ އިދާރާތަކުން ވަނީ ޔުނިވާސިޓީ އޮފް ޕެރޫޖާގެ ފަސް އޮފިޝަލެއްގެ އިތުރުން އެ ޔުނިވާސިޓީގެ ޑީންގެ ލިޔެކިޔުންތައް ހިފަހައްޓާފައެވެ. އެކަމަކު ޔުނިވާސިޓީ އޮފް ޕެރޫޖާއިންވެސް ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޔުވެންޓަސްއަށް ބަދަލުވާން ސުއަރޭޒް ކުރި މަސައްކަތް ކާމިޔާބުނުވުމުން، ހަ މިލިޔަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް އޭނާ ގުޅުނީ އެތުލެޓިކޯ މެޑްރިޑާއެވެ. އަދި ޔުވެންޓަސްއިން ވަނީ ސުއަރޭޒްގެ ބަދަލުގައި އެތުލެޓިކޯއަށް ކުޅެމުން އައި ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް