ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާ ގުޅޭ ގޮތުން އެ ކުލަބުގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ.
އެ ފަހަރު ބާސާ ދޫކޮށްލަން މެސީ ނިންމީ އެ ކުލަބުގެ އޭރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށް އޮކްޓޯބަރު މަހުގެ ފަހުކޮށް ބާޓޮމެއޫ އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާސާގެ ވަގުތީ ރައީސް ޓުސްކެޓްސް ވިދާޅުވީ ބާސާ މާލީ ގޮތުން އޮތް ހާލަތަށް ބަލާއިރު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވިއްކާލުމަކީ ބާސާއަށް ރަނގަޅު ނިންމުމެއް ކަމަށްވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާ އޭރު ކުލަބުގެ ލީޑަޝިޕުގައި ހުރިނަމަ އެ ގޮތަށް ނިންމާނެ ކަމަށެވެ.
އެއާއެކު ޓުސްކެޓްސްއަށް ބާސާގެ ސަޕޯޓަރުން ވަރަށް ބޮޑަށް ފާޑުކިއިރު، އެ ކުލަބުގެ ކޯޗު ރޮނާލްޑް ކޫމަންވެސް ވަނީ ޓުސްކެޓްސް ފާޑުކިޔާފައެވެ. ކޫމަން ބުނީ އެ ކުލަބުގެ ބޭރުގެ މީހުން އެކި ކަހަލަ ވާހަކަ ދެއްކިޔަސް އެއީ އެކަމަކާ މެދު ފިކުރުކުރާނެ ކަމެއް ނޫން ކަމަށާއި، އެކަމަކު ކުލަބުގެ ތެރޭގައި ޒިންމާތަކާ ހަވާލުވެ ތިބި އިސް ބޭފުޅުން އެފަދަ ވާހަކަތައް ދެއްކުމުން އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް މީޑިއާގައި ދައްކާއިރު، އެ ދެކެވޭ ވާހަކަ އަކީ ޓީމުގެ މަސްލަހަތަށް އަސަރުކުރާނެ ވާހަކަތަކެއްކަން އެނގެން ޖެހޭ ކަމަށްވެސް ކޫމަން ބުންޏެވެ.
މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ.
ދާދި ފަހުން މެސީ ވަނީ ބާސާގައި ޖެހޭ ހުރިހާ މައްސަލައެއް އޭނާގެ ބޮލުގައި އަޅުވާތީ އެކަމާ މިހާރު ވަރުބަލިވެފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކުލަބު ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.