ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 14:06
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)
އެފްއޭއެމް
އައު ސީޒަނަށް ސަސްގެ ތައްޔާރީތައް
ސަސްގެ އާދަޔާޚިލާފު ޓީމެއް ފެނިގެންދާނެ: ނާދު
ސަސްއިން ވަނީ އައު ސީޒަނަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައި
ސަސްގެ ބައެއް ސީނިއާ ކުޅުންތެރިން ތިބީ އަނިޔާގައި
ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށް

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އާދަޔާޚިލާފު ޓީމެއް މި ސީޒަނުގައި ފެނިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ސަސް ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދައިގެންނެވެ. އައު ސީޒަނަށް ތައްޔާރުވުމަށް އެ ޓީމުން އޮކްޓޯޯބަރު މަހުގެ ފަހުކޮޅު ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ވަނީ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ސަސްއިން ގެނައީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އާއި، ލާއޯސް އާއި އާރްމީނިއާގެ އިތުރުން ރާއްޖޭގެ ޖޭޖޭއަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ އާއި، އިންޑިއާގެ އައި ލީގާއި ޖަޕާނާއި މެލޭޝިއާ ލީގާއި އިންޑޮނީޝިއާ ސުޕަ ލީގު އަދި ބަންގްލަދޭޝް ޕްރިމިއާ ލިގުގައި ކުޅެފައިވާ ޖަޕާނުގެ ފޯވާޑް އަޓްސުޝީ ޔޮނެޒޭވާ އަދި ސްޕެއިނުގެ އެކި ޓީމުތަކަށް ކުޅެފައިވާ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒެވެ.

އަދި އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ އަޙްމަދު ޝާފިއު (ޝާފީ) އާއި، އަބްދުﷲ ހަނީފް (ބެންޖޯ) އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ގެ ސޮއިވެސް ހޯދާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނާދު ބުނީ ބިދޭސީ ހަތަރު ކުޅުންތެރިންގެ ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، އެގޮތުން އެ ކުޅުންތެރިންނަކީ ތަޖުރިބާގެ ގޮތުން ރަނގަޅު ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ސަބަބުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި، އަންނަ ސީޒަނުގައި ސަސްއިން ދަނޑަށް ނުކުންނާނީ އާދަޔާޚިލާފު ވަރަށް ވަރުގަދަ ޓީމެއް ކަމަށްވެސް ނާދު ބުންޏެވެ.

އެކަމަކު ނާދު ބުނީ އޭނާއަށް އޮތް ކަންބޮޑުވުމަކީ މި ވަގުތު ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން އަނިޔާގައި ތިބުމުގެ އިތުރުން ބިދޭސީ ކުޅުންތެރިން ލައިގެން ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ނުކުޅެވުން ކަމަށެވެ. އެކަމަކު ކުޅުންތެރިން ފަރިތަކުރުންތަކުގައި ލާ ހިތްވަރާއި، މުޅި ޓީމާއި މެނޭޖުމަންޓުގެ ފަރާތުން ފެންނަ ރޫހުގެ ސަބަބުން ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް ނާދު ބުންޏެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ނޫސްވެރިންގެ މި ބައްދަލުވުމުގައި އެ ޓީމުގެ ކެޕްޓަން އަޙްމަދު ފަރުހާން (ގައްބެ) ބުނީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފެށިއިރު މަސައްކަތް ކުރީ އެހާ ބޮޑު ޓާގެޓެއް އޮވެގެން ނޫން ކަމަށާއި، އެކަމަކު ވަކި ހިސާބަކުން ޓާގެޓަށް ދެވިދާނެކަން އެނގިގެން ދިޔަ ކަމަށެވެ. އަދި އެކަން މިދިޔަ ސީޒަނުގައި ހާސިލުވިއިރު، މިހާރުގެ ޓާގެޓަކީ ޓީމުގައި މިހާރު މި އޮތް ސްކޮޑާއި ޒުވާން ކުޅުންތެރިންނާއެކު ކުރިއަށް އޮތްތާނުގައި ރަނގަޅު ޓީމެއް ބިނާކުރުން ކަމަށްވެސް ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޗެރިޓީ ޝީލްޑް މެޗުން މި މަހުގެ އަށްވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހަށެވެ. ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް