ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 18:37
ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ގަމު ޒޯން ސްޓޭޑިއަމުގެ މަސައްކަތް
ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު ރަސްމީކޮށް ހުޅުވައިފި
މި ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައި

ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާ، އެ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ހައްދުންމަތީ ގަމަށް ކުރެއްވި ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. ގަމު ޒޯން ސްޓޭޑިއަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލިއިރު، މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ގަމު ޒޯން ސްޓޭޑިއަމުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.59 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށެވެ. އަދި އޭގެ ފަހުން 4.36 މިލިޔަން ރުފިޔާއަށް ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އަޅަން ފެށީ އެ ދަނޑު ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ފީފާގެ މިންގަނޑަށް ތައްޔާރުކުރި މި ދަނޑުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށާއި، ދަތި އުދަނގޫ ދުވަސްވަރެއްގައިވެސް އެއް އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަކޮށްދެއްވި ކަމަށްޓަކައި އެމްޓީސީސީ އަށާއި އަމީން ކޮންސްޓްރަކްޝަނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ފީފާގެ މިންގަނޑަށް ތައްޔާރުކުރި މި ދަނޑުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު. ވަރަށް ދަތި އުދަނގޫ ދުވަސްވަރެއްގައިވެސް އެއް އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަކޮށްދެއްވި ކަމަށްޓަކައި އެމްޓީސީސީ އަށާއި އަމީން ކޮންސްޓްރަކްޝަނަށް ގަމު ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. މިތަނުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރުވެސް ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށްގެންދެވުމަށް. ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ހަގީގީ ނަތީޖާ ފެންނާނީ އޭރުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި އަންނަ އަހަރު ނިމޭއިރު އިތުރު 20 ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް