ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 18:21
ލިއޮނެލް މެސީ އާއި ނޭމާ މީގެ ކުރިން ބާސާގައި ކުޅުނު ދުވަސްވަރު
ލިއޮނެލް މެސީ އާއި ނޭމާ މީގެ ކުރިން ބާސާގައި ކުޅުނު ދުވަސްވަރު
ގެޓީ އިމޭޖަސް
މެސީއާއެކު ކުޅެން ނޭމާ ބޭނުންވުން
އަންނަ އަހަރު މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުން: ނޭމާ
ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސާއިން ވަނީ ބަލިގަބޫލުކޮށްފައި
އަންނަ ސީޒަނުގައި މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނޭ

އަންނަ އަހަރު ބާސެލޯނާއަށް ކުޅެމުން އަންނަ ތަރި ލިއޮނެލް މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ ބުނެފިއެވެ.

މީގެ ކުރިން މެސީއާއެކު ކުޅުނު ނޭމާ ބާސާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. މީގެ ކުރިން އަނބުރާ ބާސާއަށް ބަދަލުވާން ބޭނުންވާ ކަމަށް ނޭމާ ވަނީ ހާމަކޮށްފައެވެ. އެއާއެކު ބާސާއިން ވަނީ ނޭމާ އަނބުރާ ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. އެކަމަކު ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސާއިން މީގެ ކުރިން ބަލިގަބޫލުކުރީ ޕީއެސްޖީން ނޭމާ ވިއްކަން ކީ އަގު ބޮޑުވުމުންނެވެ.

ނޭމާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބުދަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 ން ޕީއެސްޖީ މޮޅުވި މެޗަށްފަހު ނޭމާ ބުނީ އޭނާ މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ މެސީއާ އެއް ޓީމަކަށް ކުޅުން ކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުންމީދަކީ އަންނަ އަހަރު އެކަން ހާސިލްކުރެވުން ކަމަށްވެސް ބުންޏެވެ.

އަންނަ އަހަރު މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ނޭމާ ބުނިއިރު، ބާސާގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެފައިވާތީ، އަލުން އަނބުރާ ބާސާއަށް ބަދަލުވާން ނޭމާ މިހާރު ބޭނުންނުވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

އަދި މީގެ ކުރިން މި ނިމުނު ޓްރާންސްފާގައި ބާސާ ދޫކޮށްލަން މެސީ ނިންމުމާއެކު ޕީއެސްޖީން މެސީ ހޯދުމަށް މަސައްކަތް ކުރި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާގައި ޖެހޭ ހުރިހާ މައްސަލައެއް އޭނާގެ ބޮލުގައި އަޅުވާތީ އެކަމާ މިހާރު ވަރުބަލިވެފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކުލަބު ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް