ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 14:39
ހާލުގައި ޖެހުނު ލަންކާގެ ދެ މަސް ބޯޓު ރާއްޖޭ ކަނޑުގެ ސަރަހައްދުގައި
ހާލުގައި ޖެހުނު ލަންކާގެ ދެ މަސް ބޯޓު ރާއްޖޭ ކަނޑުގެ ސަރަހައްދުގައި
އެމްއެންޑީއެފް
ބުރެވި ތޫފާން
ތޫފާނުގައި ހާލުގައި ޖެހުނު ލަންކާގެ ދެ މަސް ބޯޓު ރާއްޖެއާ ދިމާލަށް
ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު
އެހީތެރިކަން ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން
ބޯޓު ފެނުނީ ހދ. ކުމުންދޫ ބޭރުން

ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި" ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ. ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 08:33 ހާއިރުއެވެ.

ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި 05 ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި 06 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހެނދުނު 10:45 ހާއިރު ދެ ބޯޓު ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދެ ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ބުރެވި ތޫފާނާއި ގުޅިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއިގުޅޭ އިދާރާތަކުންވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް