ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 11:42
ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޔުނައިޓެޑް ބަލިވިއިރު، ޗެލްސީއަށް އެއްވަނަ
ޔުނައިޓެޑް އަތުން ޕީއެސްޖީ މޮޅުވީ 3-1 ން
ސެވިއްޔާ އަތުން ޗެލްސީ މޮޅުވީ 4-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، ސެވިއްޔާ ބަލިކޮށްވެ ގްރޫޕް އީގެ އެއްވަނަ ޗެލްސީން ކަށަވަރުކޮށްފިއެވެ.

ގްރޫޕް އެޗްގައި ހިމެނޭ ޔުނައިޓެޑް ބަލިވީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ހަވަނަ މިނެޓުގައި ނޭމާ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 32 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑެވެ.

މެޗުގައި ޕީއެސްޖީން ދެވަނަ ފަހަރަށް ލީޑު ނެގީ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކީނިއޯސްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑުގެ ފްރެޑަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. ޔުނައިޓެޑުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މި ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތް ޔުނައިޓެޑާއި، ދެވަނައިގައި އޮތް ޕީއެސްޖީ އަދި ތިންވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.

ސެވިއްޔާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-0 ން

މީގެ އިތުރުން ގްރޫޕް އީގެ އެއްވަނަ ޗެލްސީން ކަށަވަރުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-0 ން މޮޅުވެގެންނެވެ.

މި މެޗުގެ އަށްވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑުގެ ލަނޑުން ޗެލްސީން ލީޑު ނެގިއިރު، ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޖިރޫޑް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ޖިރޫޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިރޫޑެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުގައި އުމުރުން 34 އަހަރުގެ ޖިރޫޑް ހެޓްރިކް ހެދިއިރު، އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޗެލްސީ އޮތީ ގްރޫޕް އީގެ އެއްވަނައިގައި ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށްވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު، އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ކްރަސްނޯޑާ ތިންވަނައިގައި އޮތްއިރު، އެންމެ ފުލުގައި އޮތީ ފަސް މެޗުން ޕޮއިންޓަކާއެކު ރެނެސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް