ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ބޯޑުގެ ޖަލްސާތައް ވީހާވެސް އަވަހަކަށް ބޭއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަަން ބޯޑު (ޕީސީބީ) ން އަންގައިފިއެވެ.
ޕީސީބީން ވެމްކޯއަށް މިހެން އެންގީ، އެ ކުންފުނީގެ ބައެއް ޑިރެކްޓަރުންގެ ފަރާތުން އެ ބޯޑަށް ހުށައެޅުނު ޝަކުވާތަކާއި ގުޅިގެންނެވެ. އެގޮތުން ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ނުބާއްވާ މައްސަލައާއި، ކުންފުނީގެ ބޯޑާއި މެނޭޖްމަންޓާގުޅޭ ޝަކުވާތަކެއް ހުށައަޅާފައިވެއެވެ.
މި ޝަކުވާތަކާއި ގުޅިގެން ޕީސީބީގެ މެމްބަރުން ދެކޭގޮތް ހިއްސާކޮށް ފޮނުވި ސިޓީގައިވަނީ، ބޯޑުގެ މަސައްކަތްތައް ހަމަމަގަށް އަޅުވާ، ކުންފުނީގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް ގެންދަން ވެމްކޯގެ ބޯޑުގައި ދަންނަވާފައެވެ. އެގޮތުން ސަރުކާރުގެ މުހިއްމު ސިޔާސަތެއް ތަންފީޒުކުރުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ބޯޑުގެ ޖަލްސާތައް ނުބޭއްވި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ވެމްކޯގެ ބޯޑު މެމްބަރުންނާއިއެކު ޕީސީބީގެ މެމްބަރުން ބޭއްވެވި ބައްދަލުވުމަށްފަހު، ތިން ނުކުތާއެއް ފާހަގަކޮށް އެ ބޯޑުން ދެކޭގޮތްވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯޕަރޭޓް ގަވަރނަންސް ކޯޑު މާނަކުރުމާއި، ބޯޑުގެ ސަބް-ކޮމިޓީތަކުން ބޯޑަށް ހުށަނާޅާ ސީދާ ވަކިވަކި ޑިޕާޓްމަންޓުތަކަށް އިރުޝާދު ދިނުމާއި، ބޯޑުގެ އަހަރީ ޕްލޭންގެ ދަށުން ތާވަލުކުރެވިފައި ޖަލްސާތަކާއި އެހެނިހެން ބައްދަލުވުންތައް ބޭއްވުމާއި ގުޅޭގޮތުން އެ ބޯޑުން ދެކޭގޮތެވެ.
ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 7.1 މާނަކުރުން
ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 7 ވަނަ ނަމްބަރުގައި ބަޔާންކުރެވިފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ އާންމު އުސޫލެވެ. އެގޮތުން، އެ ކޯޑުގެ 7.1 ގައި ވަނީ ބޯޑު މެމްބަރުން ޖަލްސާތަކަށް ހާޒިރުވާން ޖެހޭނީ "އިން ޕަރސަން" ކަމަށެވެ.
ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި "އިން ޕަރސަން" މި ބަސް މިހެން އޮތުމުން، މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމަކީ އެ ކޯޑާ ޙިލާފު ކަމެއްކަމަށް ކުންފުނީގެ ޗެއަރމަންއާ ހަވާލާދީ ވެމްކޯގެ ބޯޑުންވަނީ ނިންމާފައެވެ. ނަމަވެސް އެ މާއްދާގައި އެހެން ބަޔާންކޮށްފައިވަނީ، އެއްވެސް ހާލަތެއްގައި ޑިރެކްޓަރެއް ތަމްސީލުކުރަން ތިންވަނަ ފަރާތަކަށް ބޯޑުގެ ޖަލްސާގައި ބައިވެރި ނުވެވޭނެ ކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށް ޕީސީބީން ވަނީ އަންގާފައެވެ.
އެގޮތުން، ޓެލްކޮންފަރެންސިންގ ވަސީލަތެއް މެދުވެރިކޮށް ޖަލްސާތަކުގައި ބައިވެރިވާ ބޯޑު މެމްބަރުންނަށް ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންކަމުގައި މަޝްވަރާކޮށް، ހިޔާލުފާޅުކޮށް، ވާހަކަދެއްކުމުގެ ހައްގާއި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާކަމަށް ޕީސީބިންވަނީ ނިންމާފައެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބޭއްވުމަކީ ޗެއަރމަންގެ ޒިންމާއެއް ކަމަށްވެސް ވެމްކޯއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ބޯޑުގެ ސަބް-ކޮމިޓީތަކުން ބޯޑަށް ހުށަނާޅާ ޑިޕާޓްމަންޓްތަކަށް އިރުޝާދު ދިނުން
ވެމްކޯގެ ބޯޑުން އެކުލަވާލާފައިވާ ސަބް-ކޮމިޓީތަކުން، ބޯޑުގެ ބަހެއް ނެތި ސީދާ އެކިއެކި ޑިޕާޓްމަންޓްތަކަށް އިރުޝާދު ދިނުމާ ގުޅޭގޮތުން ޕީސީބީން ބުނެފައިވަނީ، އެއީ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ރޫހާއި ޙިލާފު ކަމެއްކަމަށެވެ. ނަމަވެސް، އެ ސަބް-ކޮމިޓީއަކުން ކުރާ މަސައްކަތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމާއި، އޮބްޒާވަރުންގެ ގޮތުގައި ބައްދަލުވުންތަކުގައި ބައިވެރިވެ ލަފާދިނުން މީގެ ތެރެއިން އިސްތިސްނާވެއެވެ.
މިފަދަ ސަބް-ކޮމިޓީތައް އުފެދިގެން އަންނަނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ލާޒިމްކުރާ ކަންކަން، ހާއްސަކޮށް ފަންނީ ބައެއް މަސައްކަތްތައް ކުރުމަށް، ބޯޑަށް ލަފާދޭން އެކުލަވާލާ ސަބް-ކޮމީޓީތަކެކެވެ. އެހެންކަމުން މިފަދަ ސަބް-ކޮމިޓީތަކުން ބޯޑަށް އެންގުމަކާ ނުލާ އިރުޝާދު ދިނުމަކީ، ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ދަށުން މިފަދަ ކޮމިޓީތައް އެކުލަވާލުމުގެ މަގްސަދާއިވެސް ޙިލާފު ކަމެއްކަމަށް ޕީސީބީގެ ސިޓީގައިވެއެވެ.
ބޯޑުގެ އަހަރީ ޕްލޭންގެ ދަށުން ތާވަލުކުރެވިފައި ޖަލްސާތަކާއި އެހެނިހެން ބައްދަލުވުންތައް ބޭއްވުން
ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަނުވާ މައްސަލައިގައި ޕީސީބީން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އެފަދަ ޖަލްސާއެއްގެ އެއްވެސް ނިންމުމެއް ސައްހަ ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ޖަލްސާތަކުގެ ޔައުމިއްޔާ ބެލެހެއްޓުން ލާޒިމު ނޫންނަމަވެސް، ބޯޑުގެ ޖަލްސާތަކުގެ ރެކޯޑާއި ހާސިރީ ބެލެހެއްޓުމުގެ ބޭނުމުގައި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމުގެ އިހުތިޔާރު ރިޔާސަތައް ލިބިގެންވެއެވެ.
ކޯޕަރޭޓް ގަވަރނަންސް ކޯޑްގައިވާ ގޮތުން، ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކުންފުނީގެ ޗެއަރމަންއެވެ. އަދި ކުންފުނީގެ އަހަރީ ޕްލޭނާ އެއްގޮތަށް ކުރިން ތާވަލުކުރެވިފައިވާ ޖަލްސާތަކާއި، އިތުރު ޖަލްސާތައް ބޭއްވުމަކީ ޗެއަރމަންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެފަދަ ޖަލްސާތައް ބާއްވާނެ ތާރީހާއި ތަނަކާއި ވަގުތު ކަނޑައެޅުމުގެ ބާރު ލިބެނީ ޗެއަރމަންއަށެވެ.
ވެމްކޯގެ ބޯޑު އެކުލަވާލެވިފައިވާ ގޮތުން މި ވަގުތު ބޯޑުގައި ތިއްބަވަނީ އެ ކުންފުނީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު, މެނޭޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު, ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖުގެ އިތުރުން ފާތިމަތު އާސިޔާ، މުސްތަފާ މުހައްމަދު އަދި ކުންފުނީގެ ސެކެޓްރީ މަރިޔަމް ނަޖުވާއެވެ.