ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 17:45
ނިއުކާސަލުގެ ކުޅުންތެރިން މީގެ ކުރިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ނިއުކާސަލުގެ ކުޅުންތެރިން މީގެ ކުރިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ވިލާ-ނިއުކާސަލް މެޗު ފަސްކުރުން
ވިލާ އާއި ނިއުކާސަލް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި
ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި ދެ އޮފިޝަލަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުން ނިންމީ ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި އެ ޓީމުގެ ދެ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނިއުކާސަލުގެ ފަސް ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމު ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑު ވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބަންދުކޮށްފައެވެ. އެހެންކަމުން ވިލާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމަށް ނިއުކާސަލުން އެދުމާ ގުޅިގެން ޕްރިމިއާ ލީގުން ވަނީ މެޗު ފަސްކޮށްދީފައެވެ.

ހުކުރު ދުވަހު ކުޅެން އޮތް މެޗު ފަސްކުރުމާ ގުޅިގެން ވިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަށް އެ ޓީމުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި ނިއުކާސަލުގެ އެންމެނަށް ވިލާއިން ވަނީ އަވަސް ޝިފާއަކަށް އެދެފައެވެ.

ހުކުރު ދުވަހު ވިލާގެ ދަނޑުގައި ކުޅެން އޮތް މެޗު ފަސްކުރިއިރު، މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފަސްކުރި ފުރަތަމަ މެޗެވެ.

މި ހަފުތާގައި ނިއުކާސަލުން ކުޅެން އޮތް މެޗު ފަސްކުރިއިރު، އެ ޓީމުން ދެން ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ނުކުންނާނީ ވެސްޓް ބްރޮމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް