ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 17:14
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ކ)، އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް (ވ)
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ކ)، އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް (ވ)
ސޯޝަލް މީޑިއާ
އެތުލެޓިކްސްއިން ރައްދު ދިނުން
އާޒިމް ދެއްކެވި ވާހަކަތަކަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައްދެއް
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްކަމުގައި ހުރެވޭނީ ދެ ދައުރު ކަމަށް އާޒިމް ވިދާޅުވި
އެސޯސިއޭޝަނާއި ގުޅޭގޮތުން ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވަނީ ބުނެފައި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަށް އެ އެސޯސިއޭޝަނުން ރައްދު ދީފިއެވެ.

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި އެސޯސިއޭޝަނުގެ ރައީސްކަމުގައި ހުރެވޭނީ ދެ ދައުރު ކަމަށް ކަނޑައެޅިގެން ބަޔާންކުރާ ކަމަށާއި، އެހެން ނަމަވެސް އިންތިޚާބުގެ ކުރި ދުވަހު އެސޯސިއޭޝަނުގެ މެންބަރުން ބައްދަލުވުމަށްފަހު ނިންމީ އަނެއްކާވެސް ތިން ދައުރަށް އިނދެވޭ ގޮތަށް ކަމަށެވެ. އެއާއެކު އަނެއްކާވެސް މިހާރު ހުރި ރައީސް އިންތިޚާބު ވެގެންދިޔައީ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދީ އެތުލެޓިކްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނާއި ގުޅޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ދައްކައި، އެ އެސޯސިއޭޝަން ބަދުނާމު ކުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުން އިތުބާރުކޮށް މަގާމުތަކަށް އިންތިޚާބުކޮށްފައި ތިއްބަވާ ޒިންމާދާރު ބޭފުޅުންގެ ކިބައިން އެފަދަ ކަންކަން ފެނުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

އާޒިމް ދެއްކެވި ވާހަކައަށް އިޝާރާތްކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ޖަމުޢިއްޔާތަކުގެ ގާނޫނުގެ ދަށުން 2008 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރިއިރުވެސް އަދި މިހާރުވެސް ހިންގާ ކޮމިޓީގެ މެންބަރުންނަށް އަދާކުރެވޭނީ ކިތައް ދައުރު ކަމުގައި ބަޔާންކޮށްފައި ނުވާނެއެވެ. އަދި މެންބަރުންގެ ދައުރާ ގުޅޭގޮތޮން އަސާސީ ގަވާއިދުގައި ލިޔެވިފައިވާނީ ހިންގާ ކޮމިޓީގެ ދައުރު ހަމަވެގެން ވަކިވެގެންދާ ހުރިހާ މެންބަރުންނަށްވެސް ހިންގާ ކޮމިޓީގެ އާދައުރެއްގެ އިންތިޚާބަން ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެސޯސިއޭޝަނުގެ އިންތިޚާބީ އަހަރު އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް އެންމެ ފަހުން ބަދަލެއް ގެނެވިފައިވާނީ 2018 ވަނަ އަހަރުގެ އޮގްސްޓް މަހުގެ ހަތަރުވަނަ ދުވަހު ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު މި އަހަރުގެ ޖުލައި މަހު ބޭއްވިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް މުޙައްމަދު ތޮލާލް އިންތިޚާބުވެވަޑައިގަތީ 15 މެންބަރުންގެ ވޯޓާއެކުއެވެ. އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމާ ތޮލާލް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2012 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް