ށ. ބިލެތްފަހި ބަނދަރުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާ ނިންމާފައިވާ ކަމަށާއި އީއައިއޭއަށް އެޕްރޫވަލް ލިބުމާއެކު ކުރިޔަށް އޮތް މަސްދުވަސްތެރޭގައި ކޮންޓްރެކްޓަރ މޮބަލައިޒްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވަނީ ޕްލޭނިންގ މިނިސްޓަރ އަސްލަމާއި ބިލެތްފަހި ބަނދަރުގެ މަސައްކަތްފެށޭނީ ކިހާ ހިސާބަކުންތޯ ސާފުކުރެއްވުމަށް ސުވާލުކުރައްވާފައެވެ. މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ށ ބިލެތްފަހީގެ ބަނދަރުގެ މަސައްކަތްކުރަން ފެށިފައިވަނީ ބަނދަރަށް ވަދެނިކުތުމުގައިވާ ނެރުގެ މައްސަލައެއް ކަމުގައެވެ. އަދި މިއާއެކު އިތުރަށް ހިމެނިފައިވަނީ ބަނދަރު އިތުރު 100 ފޫޓަށް ބޮޑުކުރުމަށް ކަމަށެވެ.
ބިލެތްފަހި ބަނދަރު ހެދުމާއެކު އަބަދުވެސް ލިބެމުން އަންނަ ޝަކުވާއަކީ ބަނދަރަށް ވަދެނިކުތުމުގައި ހުރި ދަތިތަކުގެ ޝަކުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ބަނދަރު އަލުން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގަބޫލުކުރަން މިހާތަނަށް އައިއިރު އިންޖިނިއަރިންގެ ތެރޭގައި އެމަސައްކަތްކުރުމުގައި ހިލާފުތަކެއް ހުރި. ކޮންޓްރެކްޓަރ ގެ އިންޖިނިއަރުންނާއި މިނިސްޓްރީގެ އިންޖިނިއަރުންނާއި އަދި އީއައިއޭ ކޮންސަލްޓަންޓާ ތިން ބައި މީހުންގެ ތެރޭގައިވެސް. ބަނދަރު މިހާރު ރަށު ކައުންސިލުން ދެ އޮޕްޝަނެއްގެ ވާހަކަ އަންގާފައިވަނީ ކައުންސިލަށް ފެންނަގޮތުގެ. އެއްގޮތަކީ ބަނދަރުގެ ނެރު ބޭރުކޮޅުން ފުޅާކޮށް ދެ ފަރާތަށް ތޮށިޖެހުން. ނުވަތަ އެހެން ތަނެއްގައި އަނެއްކާ އައު ބަނދަރެއް ހެދުން. އިންޖިނިއަރުންގެ ނިންމުމަކަށްވީ އަލުން ބަނދަރެއް ހެދުމުގެ ބަދަލުގައި ރަށުގެ ނެރުގެ ބޭރުކޮޅު ފުޅާކޮށްފައި ދެ ފަރާތުގައި ތޮށި ޖަހައިގެން މަސައްކަތްކުރިޔަށް ގެންދަން. ނޮވެމްބަރ މަހު ކުރީކޮޅު އެގޮތަށް ނިންމީ.މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ ވިދާޅުވީ މިނިންމުން ނިންމުމަށް ދަތިތަކެއް ދިމާވީ ތަންތަނަށްގޮސް ކަންކަން ބެލުމުގައި ދަތުރުފަތުރުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިހާރު އީއައޭ ހަދާ ނިންމާފައިވާއިރު އީއައިއޭ އެޕްރޫވަލް ލިބުމާއެކު ކޮންޓްރެކްޓަރ ބަނދަރުގެ މަސައްކަތަށް މޮބިލައިޒްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަނދަރު ހެދުމުގެ ކަންކަމުގައި ރާއްޖޭގައި ތިބި ފަންނީ ފަރާތްތަކާއި ލިބިފައިހުރި ވަސީލަތްތަކާއެކު އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދުރާލާ ރާވައިގެން މިފަދަ ކަންކަން ކުރާނެ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.